ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތު ވުންތަކެއް އުޅޭކަމަށް ދެކިގެން، އިދިކޮޅުގެ ހުސްބުޅީގައި އެމްޑީޕީ ނުޖެހޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ އެމްޑީޕީން ކަމަކާ ކުރިމަތިލާއިރު އަބަދު ވެސް ހާއްސަ އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ. އިމްރާން މައްސަލާގައި އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް ނުސީދާ ގޮތަށް ހާމަ ކުރައްވަމުން އާޒިމް ވިދާޅުވި ހުސް ބުޅީގައި އެމްޑީޕީ ނުގަންނާނެ ކަން އިދިކޮޅު ފަރާތްތަކަށް އިނގެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ ފުރިހަމަ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އޮންނާނެ ކަމަށެވެ.

ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ
އާޒިމް

އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ މައްސަލަ ލިބިފައި ވަނީ 11 މެންބަރުންގެ ސޮއި އާ އެކު ކަމަށާއި ނަމަވެސް މަޖިލީހަކީ 87 މެންބަރުންގެ ތަނެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރަން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ސަފާރީ ރޭޕް ކޭސް އާ ގުޅިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން އަށް ގިނަބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.

އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.