ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި ސްރީލަންކާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8000 ގެ ފާހަގަ ހުރަސްކޮށްފިއެވެ.

ސްރީލަންކާގެ ކޮވިޑް-19 ކާވް، 8000 ގެ ފާހަގަ ހުރަސް ކޮށްފައި ވަނީ، ހޯމަ ދުވަހު ޕޮޒިޓިވްވި 280 ކޭހާއެކުގައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި އެ ގައުމުން ލޮގް ކޮށްފައި ވަނީ 4203 ކޭހެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކާމިޔާބީތަކެއް ހޯދި ސްރީލަންކާގައި ކޮވިޑް-19ގެ ބަލިމަޑުކަން އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެން ފެށީ އަންނައުނު އުފައްދާ ކާރުހަނާއަކާއި، އެ ކާރުހާނާއާ ގުޅުން އޮތް ކްލަސްޓާތަކަކުންނެވެ. މިނުވަންގޮޑާއާއި ޕެލިޔަގޮޑާގެ ކްލަސްޓާގައި ހިމެނޭ ކޭސް ނަމްބަރުތައް 4678 އަށް އަރާފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ޕޮޒިޓިވްވާ ކޭސްތަކާ ގުޅުން ހުރި (ފަސްޓް) ކޮންޓެކްޓުން، ހޯމަ ދުވަހުން ފަށައިގެން ކަރަންޓީނު ވަމުންދަނީ ގޭގައި ކަން، ސްރީލަންކާގެ އަސްކަރީ ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް ޝަވޭންދްރާ ސިލްވާ ވަނީ ހާމަ ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، އިއްޔެއާއި މިއަދުވެސް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކާއިން ކޮވިޑް-19 ޖެހި، ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދަކީ 3933 އެވެ. ކޮވިޑް-19 ޖެހިގެން ސްރީލަންކާއިން މިހާތަނަށް 16 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، އެންމެ ފަހުން މަރުގެ ކޭހެއް ރެކޯޑް ކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.