މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެނިގެންދަނީ ސިޔާސީ މިނިވަންކަމުގެ އާ މަފްހޫމެއްތޯ އައްސަވާ ޕްރޮސެކިއުޓާ ޖެނެރަލްއަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ދެކޮޅަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ. ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރީ ހަޑިހުތުރު އެއްޗެހި ވިދާޅުވުމާ ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ، ގައުމުގައި ހިންގަމުންދާ ހުރިހާ ކަމެއް އެއްފަރާތްކޮށްފައި މި ވަގުތު މައްސަލައަކަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަށް އަބްދުއްރަހީމްގެ މައްސަލަ ފެނިވަޑައިގަތުމުން އެކަމާ ހައިރާން ވެވަޑައިނުގަންވާ ކަމަށެވެ. އަދި މިހާރު ގައުމުގައި ހިނގާ މައްސަލަތަކުގެ ތެރެއިން ޖިންސީ ގޯނާ ކުރުމާ މެންބަރުންނަށް އަނިޔާ ކުރުމާ ކޮރަޕްޝަންގެ މައްސަލަތަކަކީ ކަމެއް ނޫންތޯ ޖަމީލް އެއްސެވިއެވެ. މިހާރު ފެންނަނީ ސިޔާސީ މިނިވަންކަމުގެ އާ މަފްހޫމެއްތޯ އައްސަވާ ހަޖަމްވާ ވަރު އެބަފެނިވަޑައިގަންނަވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

އަދުރޭގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކަމާ ގުޅިގެން އަދުރޭ ވިދާޅުވެފައި ވަނީ، މި ސަރުކާރުން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް ދައުވާ ކުރިއަސް މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކެވުން ހުއްޓާ ނުލައްވާނެ ކަމަށެވެ. ކޮންމެ ދައުވާއެއް ކުރިއަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ޕާޓީގެ ފަރާތުން މިކަން ސިފަ ކުރަނީ އެ ޕާޓީގެ ބޭފުޅުންނަށް އިންޒާރު ދިނުމުގެ ގޮތުން މި ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ. އަދި މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލަން ސަރުކާރުން ކުރި ކަމެއް ކަމަށާ އަދި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އިދިކޮޅުން ބުނެއެވެ.

މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމުން ދަނީ އަޑުއުފުލަމުންނެވެ. އެ ގޮތުން ރޭޕާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅުން އަންނަނީ އެފަދަ ކަންކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ހަމައެއާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދޭން ޖެހޭނެ ކަމާ ބެހޭ ގޮތުންވެސް އިދިކޮޅުން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.