މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީގެ ކުއާޓަލީ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެކުންފުންޏަށް ވަނީ 350 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައެވެ. އެމްޓީސީސީން ބުނީ އާމްދަނީ އިތުރުވެފައި ވަނީ އެކުންފުނިން މަސައްކަތް ކުރަމުންދާ މަޝްރޫއުތައް އިތުރުވުމާ ގުޅިގެން ކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓާރުގައި އެކުންފުންނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 248 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ ކޮންސްޓްރަކްޝަން މަސައްކަތްތަކުން ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާ 25.6 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

އެމްޓީސީސީއިން 70 މަޝްރޫއުއެއް ތިންވަނަ ކުއާޓަރުގައި ކުރަމުންދާއިރު 11 މަޝްރޫއުގެ މަސައްކަތް ތިންވަނަ ކުއާޓަރުގެ ތެރޭގައި ވަނީ ނިންމާފައެވެ. އަދި އަދި އެ މުއްދަތުގައި އާ 12 މަޝްރޫއުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ.

މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 951 މިލިއަން ރުފިޔާ ވަނީ ލިބިފަައެވެ. އަދި 119 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ.

މިއަހަރު 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.