ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 81 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ފަސެންޓު ނިމިފައިވާ ކަމަށެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީ އިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖޫން 12، 2019 ގައެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭގޮތަށް 6813 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 31 ޑިސެމްބަރަށެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިމަހު ތިން ވަނަ ދުވަހު ފަށާފައިވާއިރު އެ މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގާ ގޮތަށް 4,960 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17.790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމަޝްރޫއު ނިންމޭނެ ކަމަށް ލަފާ ކުރަނީ 300 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.