މިރޭ އިންގްލިޝް ޕްރިމިއާ ލީގުގައި އެވަޓަންއާ ސައުތްހެމްޓަން ވާދަކުރި މެޗު 0-2 އަކުން ސައުތްހެމްޓަން ކާމިޔާބުކޮށްފިއެވެ. މިއީ، ތާވާލުގެ އެއްވަނައިގައި އޮތް އެވަޓަން މި ސީޒަންގައި ކުޅުނު މެޗުތަކުން ބަލިވި ފުރަތަމަ މެޗެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ސައުތްހެމްޓަންގެ ފުރަތަަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 27 ވަނަ މިނެޓްގައި ޖޭމްސް ވޯޑް ޕްރައުސްއެވެ. އެއަށް ފަހު މެޗުގެ 35 ވަނަ މިނެޓްގައި ސައުތްހެމްޓަންގެ ފޯވަޑް ޗޭ އެޑަމްސް ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެޓީމުގެ ދެލަނޑު އުފައްދާދީފައިވަނީ ސައުތްހެމްޓަންގެ ސްޓައިކަރު ޑެނީ އިންގްސެވެ.

މިމެޗާ ހަމައަށް އައި އިރު ބަލި ނުވެ އޮތް އެވަޓަންއަށް މިރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި އެޓީމުން އުފެއްދި ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތް ނަމަވެސް އިތުރު މާގިނަ ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގައި ވެސް އެވަޓަންގެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެވަޓަންގެ ޑިފެންޑަރު ޑިގްނިޔޭ ސައުތްހެމްޓަންގެ ކައިލް ވޯކާ ޕީޓާސްއަށް ކުރި ފައުލަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކީ މެޗުގެ 72 ވަނަ މިނެޓްގައެވެ. މިދިޔަ ހަފްތާ ބަންދުގައި އެވަޓަންއާ ލިވަޕޫލް ބައްދަލުކުރި މެޗުގައި ވެސް އެވަޓަންގެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން ބަލިވި ނަމަވެސް އެވަޓަން އަދި ވެސް އޮތީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެން ލީގު ތާވާލުގެ އެއްވަނައިގައެވެ.

މިއަދު ލިބުނު ތިން ޕޮއިންޓާއެކު ސައުތްހެމްޓަން ވަނީ 10 ޕޮއިންޓް ހޯދާ ތާވާލުގެ ފަސް ވަނައަށް ޖެހިލާފައެވެ.