ގެވެށި އަނިޔާގެ ޝިކާއަރަކަށް ވެ 2015 ވަނަ އަހަރު ނިޔާވި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވެއްޖެއެވެ.
' ދަ ޕްރެސް' އަށް ޝާހް މަރުވެފައިވާކަން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާ މަރުވެފައިވަނީ މަހަށް ގޮސް އުޅެނިކޮށް ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ. އެމައްސަލައިގައި ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.
އެ މައްސަލާގައި ޝާހުގެ މައްޗަށް 3 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު، އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ކުށަށް ދެވެން އޮންނަ އެންމެ ބޮޑު އަދަބެވެ.
ޝާހު އަށް ހުކުމްކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހުއެވެ. އޭނާ ތިން އަހަރަށް ހުކުމް ކުރި ނަމަވެސް އޭނާ ބަންދުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ހުރުމާ ގުޅިގެން ހުކުމުން ބަންދުގެ މުއްދަތު ވަނީ ކަނޑާލާފައެވެ. އަދި އޭނާ ވަނީ މިނިވަންވެފައެވެ.
ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރި ކަން ސާބިތުވެއްޖެ ނަމަ 5 އަހަަރު ދުވަހުގެ ހުކުމެއް އިއްވޭނެ ކަމަށް ގާނޫނު ބުނެއެވެ. ނަމަވެސް މި މައްސަލާގައި ޝާހު، ޒިޔާދާ ރޭޕްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ކަން ޝަރީއަތަށް ސާބިތުވެފައެއް ނުވެއެވެ.
ޒިޔާދާގެ މަރުގެ މައްސަލާގައި ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަތަރު ދައުވާއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު ވުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައި ވެއެވެ.