ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލޭ، ގައުމުގެ ކުރިއެރުމޭ ކިޔާއަޑު އަބަދުވެސް އިވެއެވެ. ޒިންމާދާރު މުޖުތަމައެއް ބިނާ ކުރުމަށް ޒުވާނުންގެ މުހިންމު ކަމާއި، ތައުލީމާއި ތަމްރީނު ލިބިދިނުމުގެ މުހިންމު ކަން އަދި ގާބިލު ޒުވާނުން އުފައްދާ ވާހަކައަކީ ޕޯޑިއަމްތަކުން އަބަދުމެ އިވޭ ވާހަކަތަކެވެ. ނަމަވެސް ޕޯޑިއަމްގެ ފަހަތަށް މި ވާހަކަތައް އަންނަނީ ތަރުޖަމާ ވެގެން ތަފާތު ގޮތަކަށެވެ.

ޒުވާނުން ކަމުގައި ރާއްޖޭގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. މި އުމުރު ފުރައަށް ފެތޭ 240،586 މީހަކު ރާއްޖޭގައި އުޅޭއިރު، މީގެ ތެރެއިން 56 ޕަސަންޓް މީހުންނަކީ ތައުލީމު ހާސިލްކުރަމުން ނުދާ، ތަމްރީނު ހޯދަމުން ނުދާ އަދި އެއްވެސް ވަޒީފާއެއް ވެސް އަދާ ކުރަމުން ނުދާ މީހުންނެވެ. ގައުމުގެ މުސްތަގުބަލު ބިނާކުރާ ބައެއްގެ ގޮތުގައި ނަން އިއްވާފައި މިވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާއެއް އަދާ ނުކުރަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ވަޒީފާ އަދާ ނުކޮށް، އިތުރަށް ތައުލީމު ހާސިލުނުކޮށް ތިބެދާނެ އެތައް ސަބަބެއް އޮންނާނެއެވެ. މިކަން ބަލާ އޮޅުން ފިލުވާލުމަށް އެކި އެކި ފަރާތްތަކަށް ގުޅާ މައުލޫމާތު ސާފުކޮށްލީމެވެ. ގާތްގަނޑަކަށް 20ސަކަށް މީހުންނަށް ގުޅުމުން ވެސް ލިބުނީ އެއްގޮތް ޖަވާބުތަކެވެ. ވަޒީފާއަށް ދާން ބޭނުންވެ، ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާއެވެ.

ރަށުގަ ހުރެގެން ވަޒީފާއެއް ނުލިބޭ، މާލެ ގޮސް އުޅޭނެހާ މާލީ ތަނަވަސްކަމެއް ނެތް. ވަޒީފާއެއް ނެތި ކިޔަވަން ދާނީ ވެސް ކިހިނެތް؟
ޒުވާނެއް

ރަށްރަށުން ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި ވަޒީފާގެ ފުރުސަތު ތަނަވަސްވެފައި ނެތުމެވެ. ރަށުން ވަޒީފާ ހުސްވާނީ އެ ވަޒީފާއެއްގައި ހުރި މީހަކު ނިޔާވުމުން ކަމެވެ. އާ ވަޒީފާތައް އުފެދުނަސް އެއީ ކޮރަޕްޝަނުގެ ތެރެއިން ކޮންމެވެސް ފުންނާބު އުސް މީހަކު "ބުކް" ކޮށްފައިވާ ވަޒީފާއެއް ކަމެވެ. އޭފޯ ރީމެއް ހުސްވާވަރަށް ސީވީ ޕްރިންޓުކޮށް ވަޒީފާތަކަށް ހުށަހެޅި ނަމަވެސް، ނުފޫޒު އޮތް މީހާއަށް ނޫނީ ވަޒީފާ ނުލިބޭނެ ކަމެވެ.

އިތުރަށް ތައުލީމު ހާސިލު ކުރުމަށް ބޭނުންވި ނަމަވެސް ރަށުން އެ ފުރުސަތު ފަހިވެފާ ނެތް ކަމެވެ. މަތީ ތައުލީމު ހޯދުމަށް މާލެއަށް ހިޖުރަ ކުރަން ޖެހޭ ކަމެވެ. ހައްތަހާ ވެސް ހިތްދަތިވާ ކަހަލަ ވާހަކައެވެ. ކުރިއެރުން ބޭނުންވިޔަސް އެކަމަށް ހުރިހަ ފަޅިއަކުން ވެސް މި ވާން ޖެހެނީ ގުރުބާނީއެވެ. މާލީގޮތުން ތަނަވަސް ނޫން އާއިލާއަކަށް ނިސްބަތް ވީތީ ކުރާނެ ހަމަ އެއްވެސް ކަމެއް ނެތީއޭ ބުނި ޒުވާނުން ވެސް މަދެއް ނޫނެވެ.

ޓްރެޝާދަ ޓްރީސް ގެ ނަމުގައި ސައިރިކްސް ކޮލެޖުން ހިންގި ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ތަފާސްހިސާބުތަކަށް ބަލާލާއިރު، 9000 އެއްހާ ޒުވާނުން ސޯޝަލް ސައިންސް، ބިޒްނަސް އަދި ލޯ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާއިރު، ތައުލީމީ ދާއިރާއިން 5000، ސައިންސް ދާއިރާއިން 4500، ސިއްހީ ދާއިރާއިން 2700 ޒުވާނުން މަތީ ތައުލީމު ހާސިލުކޮށްފައިވެއެވެ.

މި ދާއިރާތަކުން ތައުލީމު ހާސިލު ކުރާ ދަރިވަރުންނާ ސުވާލުކޮށްލުމުން ވެސް ލިބުނީ ހިތްދަތި ޖަވާބެކެވެ.

އަސްލު ކިޔަވަނީ އެހާ އިންޓްރެސްޓް ހުރެގެނެއް ނޫން، ރާއްޖޭގައި ވަޒީފާ ލިބޭނީ މަދު ދާއިރާތަކުން ވީމަ، އެ ދާއިރާތަކަށް ފޯކަސް ކުރަނީ. އެސިސްޓެންޓެއްގެ މަގާމުވެސް މި ލިބެނީ މާސްޓާސްއެއް ހޯދީމަ
ޒުވާނެއް

ޝައުގުވެރިކަން ހުންނަ ދާއިރާ ދުރުގައި ބާއްވާފައި، އެހެން ދާއިރާތަކުން ކުރިއަށް ދަނީ ދެން އިތުރު ގޮތެއް ނެތީމައެވެ. ވަޒީފާއެއް ލިބޭނެ ދާއިރާއަކުން ކުރިއަށް ދިއުމަކީ ބުއްދިވެރި ގޮތް ކަމަށް ނިންމައިގެން، ޝައުގުވެރިކަމާ ހުނަރު ވަޅުލަނީއެވެ. މިހެން ވިޔަސް ހުރިހާ ޒުވާނުންނެކޭ ނުބުނެވޭނެއެވެ. ޝައުގުހުރި ދާއިރަތަކުން ކުރިއަށްދާ ޒުވާނުން ވެސް އެބަ ތިއްބެވެ.

ވަޒީފާގެ މާހައުލަށް ބަލާލާއިރު، ގިނަ ޒުވާނުން ފެންނަނީ ކޭޝިއަރުންނާއި ޓިކެޓް ކްލާކުންގެ ގޮތުގައެވެ. އޮފީސް ކްލާކުން، އެޑްމިނިސްޓްރޭޓިވް އަދި ސެކެޓްރީ ވަޒީފާތަކާއި، ސާފުކުރާ މީހުންގެ ގޮތުގައެވެ. ދެން ފެންނަނީ ރިސޯޓްތަކުންނެވެ.

ރެޑްވޭވްގެ ފިހާރައިގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ / ފޮޓޯ: ރެޑްވޭވް

ހަލާލު ގޮތުގައި ފައިސާ ހޯދާ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ނަމަވެސް އިތުރު ގޮތެއް ނެތިގެން ވަގުތީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ޒުވާނުން ކޭޝިއަރުންގެ ގޮތުގައި ފެނުމަކީ މައްސަލައެކެވެ. ޑިގްރީއާ ހަމައަށް ކިޔަވައި ނިންމައިގެން ވަޒީފާއެއް ނުލިބި، ވަގުތީ ދާއިމީކޮށް ފިހާރަ ކައުންޓަރެއްގައި ހުރުން "އޯކޭ" އެއް ނޫނެވެ.

ރާއްޖޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނެތް އިރު، އެ ފުރުސަތުތައް އެހެން ގައުމުތަކުން އަންނަ މީހުންނަށް ލިބުމަކީ ވެސް ގޯހެކެވެ. ފަންނުވެރިން ނުގެންނަ ވާހަކައެއް ނޫނެވެ. ދިވެހިންނަށް އިސްކަންދީ، ދިވެހި ޒުވާނުން ކުރިއަރުވަން އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމެވެ. ކުރިއަރާނެ ފުރުސަތުތައް ނުލިބުމުގެ ސަބަބުން ކުރިމަތިވާނެ ނުބައި ކަންތަކުން ދުރުހެލިވެ، ޒުވާނުން ޒިންމާދާރު ކުރުމަށެވެ.