ހަލުވި ކަމާ އެކު ފެތުރެމުން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިން ދިފާއުވުމަށް އިންޑިއާގައި ތަރައްގީ ކުރަމުން އަންނަ ވެކްސިން، 2021 ވަނަ އަހަރުގެ ޖޫން މަހަށް ތައްޔާރުވުން އެކަށީގެން ވާ ކަމަށް، އެ ކަމުގައި ޝާމިލުވާ ބާރަތު ބައޮޓެކުން ބުނެފިއެވެ.

"ކޮވެކްސިން" ގެ ނަމުގައި ބާރަތު ބައޮޓެކުން ތަރައްގީ ކުރަމުން އަންނަ މި ވެކްސިންގެ ތަހުލީލުތައް، އިންޑިއާގެ 12-14 ސްޓޭޓެއްގައި، 20000 ވޮލަންޓިއަރުން ބައިވެރިންކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ބާރަތު ބައޮޓެކްގެ އެގްޒެކެޓިވް ޑައިރެކްޓަރާ ހަވާލާދީ އިންޑިއާ މީޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި، މި ވެކްސިންގެ ކާމިޔާބީ އަންގައިދޭ ތަފާސް ހިސާބުތައް ޖޫން މަހަށް ލިބޭ ވަރު ވާނެއެވެ. ކޮވެކްސިން ތަރައްގީ ކުރުމުގައި ބާރަތު ބައޮޓެކްއާ އެކު ހަރަކާތްތެރިވަނީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިންނެވެ.

ބާރަތު ބައޮޓެކްގެ އިތުރުން، ޒައިޑަސް ކެޑީލާއިންވެސް ދަނީ ކޮވިޑް-19ގެ ވެކްސިނެއް، އިންޑިއާގައި ތަރައްގީ ކުރަމުންނެވެ. މި ވެކްސިން އޮތީ ތަހުލީލީ 2 ވަނަ މަރުހަލާގައެވެ.