ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތް ތައާރަފު ކުރީ އެ ބޭންކުން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލު ކޮށްލެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކާޑުގެ ޕިން ހޯދުމަށް ބޭންކަށް ޒިޔާރަތް ކުރަން ނުޖެހި ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ. ބޭންކުން ބުނީ މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަން ނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލު ކުރެވޭނެ ކަމަށެވެ.

ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ
ޓިމް ސޯޔަރ

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފު ކުރެވިގެން ދިޔުމަކީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގު ޗާޓާ އެއްގޮތް ވާ ގޮތުގެ މަތީން ތައާރަފު ކުރެވުނު ހިދުމަތެއް ކަމަށެވެ. އަދި ބޭންކުން މިހާރު މި ވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ވުމާއި ބޭންކުން އަލަށް ތައާރަފު ކުރި އޮންލައިން ކިއުގެ ހިދުމަތް އޭނާ ފާހަގަ ކޮށްލެއްވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސާވިސް ބޭންކިން ސެންޓަރު، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.