ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީ ކޮށްފިއެވެ.

ބީއެމްއެލުން ބުނީ މަހެއްގެ ބައްޓަމަށް ފަރުމާ ކުރެވިފައިވާ އެ ތަނަކީ ފަސޭހަ ކަމާއެކު މަސްކަނޑަން ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އެ ތަނަކީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް ބޭނުން ކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެއް ކަމަށް ބީއެލްއެލުން ބުނެއެވެ.

އެ ތަނަކީ ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނަކާ އެއްކޮށް ތަރައްގީ ކުރެވިފައިވާ ތަނެއް ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އެ ތަނުގެ ސަބަބުން މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ ހާއްސަ ތަނެއް ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.

އެ ތަނާ ގުޅިގެން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް ކަމަށާއި ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު އެ ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު ތަނުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެން ދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރައްްވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް / ފޮޓޯ: ބީއެމްއެލް

އަދި ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓް ކާމިޔާބު ކުރި އެމްސީއެފް ޖަމިއްޔާގެ މޫސާ ޝިމާއު ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުންދަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްގައި ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތީވާ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު އެ ޕްެރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި އެކަން ހަގީގަތަކަށް ވުމީ އެ ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް ކަން ފާހަގަ ކުރައްވާ އެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.