މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ދެކުނު އޭޝިއާ ސަރަހައްދުން ކާމިޔާބު މަސައްކަތްތަކެއް ކުރި އަވަށްޓެރި ސްރީލަންކާގައި އަނެއްކާވެސް މި ބަލީގެ ހުޅުގަނޑު ފަޅައިގެން ގޮސްފައި ވާއިރު، ބައެއް ސަރަހައްދުތަކުގައި ކަރަންޓީނު ކާފިއު އިއުލާން ކޮށް، މަޝްހޫރު ނުގޭގޮޑާ ބާޒާރު ބަންދު ކޮށްފިއެވެ.

ސްރީލަންކާއަށް ދަތުރު ކުރާ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައި އޮންނަ ނުގޭގޯޑާ ހަފުތާ ބާޒާރު ވަގުތީ ގޮތުން ބަންދު ކޮށްފައި ވަނީ، އެ ބާޒާރުގައި މަސް ވިއްކާ ސްޓޯލެއް ހިންގަމުންދިޔަ 2 މީހެއްގެ ހަށިގަނޑުން ކޮވިޑް-19 ފެނުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

މި ކަމާ ގުޅިގެން ކޯއްޓޭ މުނިސިޕަލް ކައުންސިލްގެ ޗީފް މެޑިކަލް އޮފިސާ ޑރ މަނޯޖް ރޮޑްރިގޯ ވިދާޅުވީ، ނުގޭގޯޑާ ބާޒާރު ސަރަހައްދުން ކޮވިޑް-19ގެ އަސަރު ފެނުމާއެކު، އެ ތަން ޑިސްއިންފެކްޓް ކޮށްފައި ވާ ކަމަށެވެ.

މީގެ އިތުރުން، ކެލާނިޔާ ސަރަހައްދަށް ނިސްބަތް ވާ ޑޮކްޓަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ހޮސްޕިޓަލެއްވެސް ބަންދު ކުރި ކަމަށް ޚަބަރު ލިބެއެވެ. އޭނާއަކީވެސް މަސް މާރުކޭޓަކަށް ޒިޔާރަތް ކުރި ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް އިތުރު މަސް މާރުކޭޓަކުން ކޮވިޑް-19ގެ އަސަރު ފެނިފައި ވާ ކަމަށް ލަންކާ މީޑިއާއިން ރިޕޯޓް ކުރެއެވެ. މަސް މާރުކޭޓް ކްލަސްޓާއާއި ގުޅޭ ކޮންޓެކްޓްތަކެއްވެސް ޕޮޒިޓިވް ވެފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ކަރަންޓީނު ކާފިއު އިއުލާން ކޮށްފައި ވަނީ ކޮލޮމްބޯގެ ޕޮލިސް ޑިވިޝަން ތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ. ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން އަންނައިރު، ބައެއް ރޭލު ދަތުރުތައްވެސް ހުއްޓާލުމަށް ސްރީލަންކާއިން ވަނީ ނިންމާފައެވެ. މި ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ލަންކާއިން ޕޮޒިޓިވް ކޭސް ފެންނަން ފަށާފައި ވާ އިރު، ލަންކާގައި ހިންގާ ބޮޑެތި ބައެއް ހޮޓާތަކުންވެސް ވަނީ ކޮވިޑް-19ގެ އަސަރު ފެނިފައެވެ. އެގޮތުން ހިލްޓަން ކޮލަމްބޯއާއި ޝަންގްރިއްލާއިންވަނީ އެ ހޮޓާތަކުގެ މުވައްޒަފުންގެ ހަށިގަނޑުން ކޮވިޑް-19ގެ އަސަރު ފެނިފައި ވާ ކަން ކަށަވަރު ކޮށްދީފަ އެވެ.

ކަން މިހެން އޮތްއިރު، ވެއްލަވައްތައާއި ބަމްބަލަޕިޓިޔާގައި ކަރަންޓީނު ކާފިއު އިއުލާންކޮށްފައި ވާކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު މައުލޫމާތެއް ކަމަށް ސްރީލަންކާ ފުލުހުންގެ މީޑިއާ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ވެއްލަވައްތައާއި ބަމްބަލަޕިޓިޔާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ސަރަހައްދުތަކެކެވެ.