އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޑެޓާ ޗެލްސީ ވާދަކުރި މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު މެޗުގައި މާރީތި ކުޅުމެއް ފެނިފައެއް ނުވެއެވެ.

ޔުނައިޑެޓުން ނުރައްކާތެރި ތިން ހަމަލާއެއް އުފައްދާފައިވާ އިރު މި ހަމަލާތައް ގޯލުތަކަށް ވިޔަ ނުދީ ހިފަހައްޓާފައިވަނީ މި ސީޒަންގައި އަލަށް ޗެލްސީއާ ގުޅުނު ކީޕަރު އެޑުއާޑް މެންޑީއެވެ. މެންޑީ ވަނީ ޔުނައިޑެޓްގެ ފޯވަޑް މާކަސް ރަޝްފޯޑާގެ ދެ ހަމަލާއަކާ ބްރޫނޯ ފަނާންޑޭޒްގެ ހަމަލާއެއްގެ ސޭވްކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީ އަށް ޕެނަލްޓީއެއް ލިބޭނެ ކަމަށް އެޓީމުން ހީކުރި ނަމަވެސް ޔުނައިޑެޓްގެ ކެޕްޓަން މެގުވާޔާ އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ޗެލްސީގެ ކެޕްޓަންއަށް ފައުލު ނުކުރާ ކަމަށް މެޗުގެ ރެފްރީ ވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީވެސް ވަނީ ނިންމާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއެއްގެ ގައިގައި އަތް ލެވިދާނެ ކަމަށާ އެހެން ނަމަވެސް އެއްވެސް ހާލެއްގައި ކަރުގައި އަތް އަޅުވާ ވައްޓާލައިގެން ނުވާނެ ކަމަށެވެ. އަދި މެގުވާޔާ ކުރި ކަމަށް ބުނާ ފައުލަކީ ޕެނަލްޓީ ދޭން ޖެހޭ ވަރު ފައުލެއް ކަން ޔަޤީންކުރުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ އިތުރު ވަގުތު ނުނެގީ ކީއްވެ ކަމެއް ނުވިސްނޭ ކަމަށާ ދަނޑުގެ އަރިމަތީގައި ހުރި ސްކްރީނުތަކުން މެޗުގެ ރެފްރީއަށް ރީޕްލޭ ބެލުނީސް ކަމަށެވެ. ލަމްޕާޑް ބުނީ ރެފްރީއަށް ރީޕްލޭ ފެނުނު ނަމަ ޕެނަލްޓީއެއް ދޭނެ ކަން ޔަޤީން ކަމަށެވެ.

ރޭގެ މެޗުން ޗެލްސީއަށް ލިބުނު ޕޮއިންޓާއެކު އެޓީމު އޮތީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ލީގު ތާވާލުގެ 6 ވަނައިގައެވެ.

ޔުނައިޑެޓްއަށް އަދި ވެސް ސީޒަން ރަނގަޅެއް ފަށައިގަނެވިފައި ނުވާ އިރު ކުޅުނު ފަސް މެޗުން 7 ޕޮއިންޓް ލިބި އެޓީމު އޮތީ ތާވާލުގެ 15 ވަނައިގައެވެ.