އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެސްޓް ހޭމްއާ މެންޗެސްޓާ ސިޓީ ކުޅުނު މެޗު 1-1 އެއްވަރުވެއްޖެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓްގައި މިކެއިލް އެންޓޯނިއޯއެވެ. އޭނާ އޯވާހެޑް ކިކަކެއް ޖަހާ ވައްދާލި މިލަނޑަކީ ހިތް ގައިމު ލަނޑެކެވެ.

އެހެން ސީޒަންތަކާ ހިލާފަށް މިސީޒަންގައި ސިޓީއަށް އަދި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މި މެޗުގައި އެޓީމަށް މާ ގިނަ ފުރުސަތުތަކެއް ވެސް ހެދިފައެއް ނުވެއެވެ.

އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ސިޓީއަށް ކުޅެން ނިކުތް ފިލް ފޯޑަން ވަނީ މެޗުގެ 51 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހަދާފައެވެ. މި މެޗުން މޮޅުވުމަށް ސިޓީއިން އިތުރަށް ކުޅުންތެރިން ކުރިއަށް ފޮނުވައިގެން ކުޅުނު ނަމަވެސް ވެސްޓްހޭމްއިން ވަނީ ހިތްވަރާއެކު ޑިފެންޑްކޮށް އިތުރު ލަނޑެއް ވަނިޔަ ނުދީ ހިފަހައްޓާފައެވެ.

މިމެޗުން އެއްވަރުވެ ވެސްޓް ހޭމްއަށް ލިބުނު ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ލީގު ތާވާލުގައި ސިޓީއަށް ވުރެ އެއް ގިންތި ކުރީގައި 10 ވަނައިގައެވެ. ސީޒަންގައި މިހާތަނަށް އެޓީމުން ކުޅުނު ހަ މެޗުން ހޯދިފައިވަނީ 8 ޕޮއިންޓެވެ.

މިދިޔަ ސީޒަން ދެވަނައިގައި އޮވެ ނިންމާލި ސިޓީ މި ސީޒަންގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާ އިރު ލިބިފައިވަނީ 8 ޕޮއިންޓެވެ. ފާއިތުވި ހަތަރު ވަރަކަށް ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އައި ސިޓީ މި ވަގުތު އޮތީ 11 ވަނައިގައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކުރިއަށް މުހިއްމު މެޗުތައް ހުރި އިރު މިރޭ ރާއްޖޭއިން ގަޑިން 9:30 ގައި މެންޗެސްޓާ ޔުނައިޑެޓާ ޗެލްސީ ބައްދަލުކުރާ މެޗަކީ ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ މެޗެކެވެ.