ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލުކުރުމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅުން ދޮގުކޮށްފިއެވެ.
ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލުކުރުމަށް އަދުރޭ އެއްވެސް ކޮމިޝަަނަކަށް ހާޒިރުކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދުރޭ ހާޒިރުކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެފައި ވާއިރު މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަން ކުރެއްވި ނިހާން މިއަދު ހާޒިރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަމުގެ އެއްވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ހިޔާނާތާއި ގުޅިގެން ކުރީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެކަން އެ ކޮމިޝަނުންވެސް ޔަގީންކޮށްދެއެވެ. ނަމަވެސް އެކަމާ ގުޅޭވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެއެވެ.
އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްގަފޫރެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލެވިފައިވާއިރު، ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލަށް ލާފައެވެ.