ބައިނަލްއަގްވާމީ މަޝްރަހުން އެކަހެރިވެ އޮތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖެ މިވަނީ އަނެއްކާވެސް ބައިނަލްއަގްވާމީ މަޝްރަހަށް ނިކުމެފައެވެ. މިއާއެކު، އެހެން ގައުމުތަކުން ބަލައިގަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ވެފައި ވާއިރު ހާރިޖީ ދާއިރާއިން ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ފާއިތުވި ހަފްތާގައި އެކަނިވެސް ހާރިޖީ ދާއިރާގެ ގިނަ ކުރިއެރުންތަކެއް ފެނިގެން ދިޔައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ ދަތުރު

ވޭތުވެދިޔަ ހަފްތާގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފައެވެ. މި ދަތުރު އިއުލާން ކޮށްފައި ވާއިރު، މިއީ 1992 ވަނަ އަހަރު އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވި ފަހުން އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރާ އެންމެ މަތީ ފަންތީގެ ޒިޔާރަތެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދުގެ ގުޅުން މިސަރުކާރު އައި ފަހުން ވަނީ ވަރަށް ބޮޑުތަނުން ރަނގަޅު ކޮށްފައެވެ. އެގޮތުން، ނިމިދިޔަ އަހަރު ޕޮމްޕެއޯގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރަކީ ރާއްޖެ ހިމެނޭ އިންޑޯ ޕެސިފިކް ސަރަހައްދުގައި ސިޔާސީ ނުތަނަވަސްކަން ވެސް ބޮޑު ދުވަސް ވަރެއްގައި ކުރައްވާ ދަތުރެއްކަން ފާހަގަ ކުރެވެއެވެ. އެމެރިކާއިން އިންޑޯ ޕެސިފިކަށް އަމާޒު ހިފާފައިވާ މި ދަނޑިވަޅުގައި އިންޑިއާއާއި، އޮސްޓްރޭލިއާއާއި، ޖަޕާން އަދި އެމެރިކާ ހިމެނޭ ގޮތުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްވެސް ވަނީ އެކުލަވާލައިފައެވެ.

އެމެެރިކާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ޔޫއެން ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން އިންތިހާބުވުން

ޔޫއެން ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިންތހާބުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. 3 ވަނަ ފަހަރަށް އެކޮމިޓީއަށް ޝުޖޫން އިންތިހާބު ކުރުމަށް ފޮރިން މިނިސްޓްރީއާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މުވައްޒަފުން މިދިޔަ 3 މަސް ދުވަހު ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ޝުޖޫނަށް ގައުމުތަކުގެ ވޯޓު ހޯދުމަށް ލޮބީކުރުމާއި، ބައްދަލުވުންތައް ހަމަޖެއްސުމުގެ އިތުރުން ކެމްޕޭން ކުރުމަށް ރާއްޖޭގެ ފަރާތުން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އިސްކަންދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖެއިން އިތުރަށް ބައިވެރިވުމަށް ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސޭފް ލިސްޓަށް ރާއްޖެ އެރުން

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް، އެގައުމުގެ ސޭފް ލިސްޓަށް ރާއްޖެ ވަނީ އިތުރު ކޮށްފައެވެ. މި ލިސްޓަށް ރާއްޖެ އިތުރުކުރުމަށް ފޮރިން މިނިސްޓްރީއާއި ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެއެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެހެން އެމްބަސީތަކުންވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ޖަރުމަންވިލާތުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ލަތީފު ރާއްޖެއާއި ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމާ ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ފިލްމް އުފައްދާ ބޮޑު ކުންފުންޏަކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓަރު ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތް ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމް ވަނީ މިދިޔަ ހަފްތާގައި ފާހަގަކުރައްވާ ޓްވީޓްކުރައްވާފައެވެ.

އާރްކޭސީގައި ބައިވެރިވުން

ކަސްޓަމްސްގެ އިޖުރާއާތުތައް ފަސޭހަކޮށް އެއްގޮތްކުރުމާއިގުޅޭ މުއާހަދާ، އާރުކޭސީ (އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާޒް / ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން)ގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި މި މުއާހަދާ ވަނީ ނިމިދިޔަ ހަފްތާގައި ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނަށް އިންސްޓްރޫމަންޓް އޮފް އެކްސެޝަނަށް ހުށަހަޅާފައެވެ. މި މުއާހަދާ ހުށަޅުއްވީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރެވެ.