މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހެއްގައި ފަސްޓު ލޭޑީ ފަޒްނާ އަހުމަދާ ބެހޭގޮތުން، ދޮގު ވާހަކަ ފެތުރި ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

ފަޒްނާ ތަމްސީލް ކުރާ ލޯފާމެއް ކަމަށްވާ ލިޓިޖަންޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެވާހަކަ ފަތުރާފައި ވަނީ މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތް ކޮޅުގައި ގާއިމު ކުރަމުން ދާ ޕާކާ ގުޅުވައިގެން ކަމަށެވެ.

އެގޮތުން އެ އާޓިކަލްގައި ބުނާގޮތުން، އެ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާ އަހުމަދުގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ ފަޒްނާ އަހުމަދުގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެނޫހުގެ ވެރިފަރާތަކީ ކޮބައިކަމާއި އެއާ ގުޅޭ ހުރިހާ މައުލޫމާތު އެންމެނަށް އެނގޭނޭހެން ބިޒްނަސް ޕޯޓަލްއިން ފެންނަން އެބަ ހުރި ކަމަށާއި އެމްއެންއެންގެ ވެރިފަރާތަކީ މޯލްޑިވްސް ނިއުސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެ ކުންފުނީގެ ހިއްސާދާރުންނަކީ ހަމްދާން ޝަކީލާއި ސަނާއު ރަޝީދު. މެނޭޖިން ޑިރެކްޓަރަކީ ސަނާއު ރަޝީދު. ރަޖިސްޓަރީ ކޮށްފައި އޮތީ ހުޅުމާލޭ ފްލެޓަކަށް. ކުންފުނި އުފެދުނީ 15 ޖޫން 2020 ގައި. މިޓަރީކޮށްފައިވާ ބިޒްނަސް ނަމަކީ "އެމް.އެން.އެން" .
ލިޓިޖަންޓްސްގެ ބަޔާން

އެބަޔާނުގައި އިތުރަށް ބުނީ ފަޒްނާގެ ކޮންމެވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައިގައިވެސް މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއް ކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވިޔަސް ގެނެސްދީފައި ނެތްކަން ފާހަގަކޮށް އެހުރިހާ އިލްޒާމަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުގެ 310 ވަނަ މާއްދާގައި ބުނާ، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލު ކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށާއި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށާއި އަދި 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީވެސް ކުށެއް ކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.