އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ 4 ދަރިވަރަކު ވަކިކޮށްފިއެވެ.

އެ ހަތަރު ދަރިވަރުންނަކީ ވެސް ސްކޫލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހެދި ފެޓިޝަނެއްގައި ސޮއިކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ 4 ދަރިވަރުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެދަރިވަރުން ވަކިކޮށްފައި ވަނީ މެއިލް މެދުވެރިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަން އިން އެ މައްސަލަ ފެންމަތިކޮށް އެކަމާއި ގުޅޭ ޕެޓިޝަނެއް ކަމާ ބެހޭ މުވައްސަސާތަކަށް ފޮނުވާފައެވެ. އަދި އެ މައްސަލަ ހައްލު ކޮށްފައި ނުވާތީ އެ އެކަޑަމީއާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.

ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.

އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެ ސްކޫލަށް ވެސް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެ ގޮތުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް އާމްދަނީއެއް ނުލިބި އެ ސްކޫލް ހިންގަމުން ދަނީ ވަރަށް ހާލުގައި ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގައި އެއާކްރާފްޓް ދުއްވުން ވެސް މަނާކޮށްފައިވާ ކަމަށް އެފަރާތުން ބުނެއެވެ.