ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ބަންދުކުރި ބައިނަލްއަގުވާމީ ބޯޑަރުތައް އަލުން ހުޅުވާލަމުންދާއިރު، ދިވެހިރާއްޖެއާއި ދެމެދު ދަތުރު ކުރުމަށް ގާއިމު ކޮށްފައި ވާ ޓްރެވަލްބަބްލްގެ ތެރެއިން، ގޯ އެއާގެ ޑައިރެކްޓް ފްލައިޓްތައް ދިވެހިރާއްޖެއަށް އަލުން ފެށުމަށް ހަމަޖެހިފައި ވާ ކަން، އެ އެއާލައިންއިން ހާމަކޮށްފިއެވެ.

މީގެ ކުރިންވެސް އިންޑިއާގެ މުމްބާއީ، ދިއްލީ އަދި ބެންގަލޫރުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތަކެއް އޮޕަރޭޓް ކުރަމުންދިޔަ ގޯ އެއާއިން ފްލައިޓް ދަތުރުތައް މެދުކަނޑާލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުއެވެ. ކޮވިޑް-19ގެ ޓްރެވަލްބަބްލް ތެރެއިން ދަތުރުތައް އަލުން ފަށާއިރުވެސް، މިމަންޒިލްތަކުން ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ އާ އާންމު ހާލަތުގެ ތެރެއިން ތައާރަފުކޮށްފައިވާ ވާޗުއަލް ޓްރެވަލްބަލްގެ ތެރެއިން އިންޑިއާގެ އަވަށްޓެރި ގައުމަކަށް މި ހުއްދަ ދޫކުރި ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. މި ޓްރެވަލްބަބްލްގެ ތެރެއިން ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ އިތުރު އެއާލައިންތަކުގެ ތެރޭގައި އެއާ އިންޑިއާ، ސްޕައިސް ޖެޓް އަދި އިންޑިގޯ ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާ ދިވެހިރާއްޖެއާއިވެސް އަރާ ހަމަކޮށް، ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއެކު ބައިނަލްއަގުވާމީ ބޯޑަރު ބަންދުކުރީ މާޗް 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ.