ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިދޭ އިމްތިޔާޒުތަކާ ބާރުތައް އަދިވެސް އިތުރަށް ވަރުގަދަ ވާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހަށް، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ދީފިއެވެ.

ގާނޫނު އަސާސީއަށް ގެނައި 20 ވަނަ އިސްލާހުގެ ގޮތުގައި ހުށަހެޅި ކަންކަން، ސްރީލަންކާގެ 225 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުން ފާސްކުރީ، 156 ވޯޓާއެކުގައެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދިނީ އެންމެ 65 މެމްބަރުންނެވެ.

91 ވޯޓުގެ ލީޑަކާއެކު ފާސްކުރި އިސްލާހުގައި ހިމެނޭ ބައެއް ކަންކަމަށް، ބަލާއިރު ދެ ގައުމުގެއް ރައްޔިތުކަން (ޑުއަލް ސިޓިޒަންޝިޕް) އޮންނަ މީހުންނަށްވެސް ލަންކާގެ ވެރިކަން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ މިހާރު ލަންކާގެ ލީޑާޝިޕުގައި އޮތް ރާޖަޕަކްސަ އާއިލާއަށް ފައިދާ ބޮޑު ގޮތެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

އިތުރު އިސްލާހު ތަކަށް ބަލާއިރު ރައިސް ކަމުގައި ހުންނަވާ ބޭފުޅަކަށް ވުޒާރާތައް ހިންގެވުމުގެ ބާރު ދީފައި ވާއިރު، ވަޒީރުން އައްޔަން ކުރެއްވުމާއި ވަޒީރުން ވަކި ކުރެއްވުމުގެ ބާރުވެސް ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ކަށަވަރުވެއެވެ. މީގެ އިތުރުން، އިންތިހާބީ، ޕަބްލިކް ސާވިސް، ފުލުހުން، އިންސާނީ ހައްގު، ރިޝްވަތާ ކޮރަޕްޝަންގެ ތަހުގީގުތަކާ ބެހޭ ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރުވެސް ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް މި އިސްލާހުން ބާރު ދެއެވެ. މި ކޮމިޝަންތަކަކީ މީގެ ކުރިން، މިނިވަން މުއައްސަސާތަކެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ ކޮމިޝަންތަކެވެ.

މީގެ އިތުރުން، ގާނޫނު ހަދާ މަޖިލީހެއްގެ ދައުރު ފެށި، 2 އަހަރާއި 6 މަސް ދުވަސް ހަމަވުމުން، އެ މަޖިލީހެއް އުވާލެއްވުމުގެ ބާރުވެސް ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ލިބިދޭނެ ކަމަށް އާ އިސްލާހު ބުނެއެވެ. ކުރިން، މި ފުރުސަތު އޮންނަނީ، މަޖިލީހުގެ 5 އަހަރުގެ ދައުރު ހަމަވާން 6 މަސް ދުވަހަށް ވުމުންނެވެ.