އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) އަށް ސުޕްރީމް ކޯޓުގެެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިންތިހާބު ވެއްޖެއެވެ.

އެ ކޮމިޓީއަކީ، އދ.ގެ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިހާބުކުރާ ކޮމެޓީއެކެވެ. އެކި ގައުމުތަކުން 12 މެމްބަރުން އިންތިހާބު ކުރި އެ ކޮމެޓީއަށް ޝުޖޫން އިންތިހާބުވެ ވަޑައިގަތީ ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި އިންތިހާބުގައި ކުރިމަތިލެއްވި 19 ކެންޑިޑޭޓުންގެ ތެރެއިންނެވެ.

މިއީ މި ކޮމިޓީއަށް ޝޫޖޫން އިންތިހާބްވި ތިން ވަނަ ފަހަރެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝުޖޫން ވަނީ އެ ކޮމިޓީގެ މެމްބަރުކަން އަދާކޮށްފައެވެ.

އެ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަދި އަލަށް އިންތިހާބުކުރި މެމްބަރުންގެ ދައުރު ފެށޭނީ އަންނަ އަހަރުއެވެ. އަދި އެ ދައުރުު ނިމޭނީ 2024 އަށެވެ.