ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކާ، އަސްކަރިއްޔާ އަދި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް އުފެދި، ދާހިލީ ހަނގުރާމައަކާ ދިމާލަށް އެ ގައުމު މިސްރާބު ޖަހާފައި ވާ ކަމަށް، އިސްލާމްއާބާދުގައި ހަރަކާތްތެރިވާ ބައެއް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ "ގްރޭ ލިސްޓުން" ޕާކިސްތާނުގެ ނަން ނެގުމުގެ މަރުހާލާގައި އެ ގައުމުގެ މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، އަސްކަރީ ފައުޖުތަކުން، ސިންދު ޕްރޮވިންސްގެ ފުލުހުންގެ އިސްވެރިޔާ ވަގަށް ނަގާފައި ވާ ކަމުގެ ޚަބަރުތައް ފެންމަތިވުމާއެކު، މި މައްސަލައިގެ ތަހުގީގެއް ހިންގުމަށް، ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިޔާ ވަނީ އަމުރު ކުރައްވާފައެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އަދި ދަރިކަނބަލުން މަރްޔަމް ނަވާޒް/ފޮޓޯ: ނިއުސްފޮލޯ

ސިންދު ޕްރޮވިންސްގެ ފުލުހުންގެ އިސްވެރިޔާ ވަގަށް ނެގުމަށްފަހު، ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި އޭނާގެ ސިޔާސީ ޕާޓީ – ޕާކިސްތާނު މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން)ގެ ނައިބު ރައީސާ މަރްޔަމް ނަވާޒްއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އޮޅުވާލުމުގެ ތެރެއިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތުގައި، ކަރާޗީގެ ފުލުސް އޮފިސަރުން ވަނީ ވަޒީފާގެ މައްސޫލިއްޔަތު އަދާ ނުކުރާ ގޮތަށް އިހުތިޖާޖު ކުރަން ނިންމާފައި ކަމަށްވެސް ޚަބަރު ލިބެއެވެ.

ސިންދު ޕްރޮވިންސްގެ ފުލުހުން ނިކުމެ، މަރްޔަމް ނަވާޒްގެ ފިރިކަލުން – ސޮފްދާރު އަވާން ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މިކަން ކޮށްފައި ވަނީ، ޕާކިސްތާނުގެ އިދިކޮޅު 11 ސިޔާސީ ޕާޓީއެއް އެކުވެގެން ހަދާފައިވާ ޕީޑީއެމް އިއްތިހާދުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބޮޑު ރެލީގައި، ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ކަފާލާތުގެ ދަށުން، އަވާން މިނިވަންކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދިރިއުޅުއްވާ ގެކޮޅުގައި އަރާމު ކުރައްވަނީ/ފޮޓޯ: ޕިންޓްރެސްޓް

އަވާން ހައްޔަރު ކުރި މައްސަލައިގެ ތަހުގީގެއް ހިންގުމަށް، ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިޔާ ގަމަރު ޖާވިދު ބަޖުވާ ވަނީ އަމުރުކުރައްވާފައެވެ. އޭނާ މި އަމުރު ނެރުއްވީ، އަވާން ހައްޔަރު ކުރި މައްސަލައާ ގުޅިގެމް، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ޗެއާޕާސަން، ބިލަވާލް ބުއްޓޫ ޒަރުދާރީ، ޓްވިޓާގައި ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އަވާން ހައްޔަރު ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ސިންދު ފުލުހުންގެ އިސްވެރިޔާ - އިންސްޕެކްޓާ ޖެނެރަލް މުޝްތާގު މަހަރު ވަގަށް ނެގުމުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވި ކަމުގެ ތުހުމަތު ފެންމަތި ކުރެއްވީވެސް ބިލަވާލް ކަމަށްވެއެވެ.

ދާހިލީ ހަނގުރާމައެއްގެ ބަހުސާ ގުޅޭ ގޮތުން ޕާކިސްތާނުގެ ސަރުކާރުން ވަކި އެއްޗެއް ބުނިކަން އަދި ސާފެއް ނުވެއެވެ.