ގއ. ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް މުނީރު ފަރުވާކުޑަ ކުރި ކަމަށް ނިންމައި އޭނާއަށް ނަސޭހަތްދީ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ގެމަނަފުށީ އިސް ގާޒީ މުނީރުގެ ސުލޫކީ މައްސަލައިގައި އެކޮމިޝަނުން ނިންމީ އިސް ގާޒީ މުނީރަށް ނަސޭހަތްތެރިވުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ކަމަށާ މިކަން ކުރަން އޭނާއަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އޭނާ ބެއްލެވި ގަޒިއްޔާއެއް ނިމުނު ގޮތުގެ ރިޕޯޓުގައި މީހެއްގެ ނަން ނުބައިކޮށް ޖެހިފައިވާ މައްސަލައެއްގައެވެ.

އެ ގަޒިއްޔާ ނިމުނު ރިޕޯޓުގައި ގެމަނަފުށީ ގެއަކާއި، އެ ގޯތީގެ އިމާރާތްތަކާއި ރުއްގަހުގެ ވެރިފަރާތަކީ ކާކުކަން ބަޔާންކުރި އިރު ބަޔާންކޮށްފައި ވަނީ އެހެން މީހެއްގެ ނަން ކަމަށް ޖޭއެސްސީން ބުނެއެވެ.

އެ ރިޕޯޓުން އެ ކުށް ފާހަގަ ނުވެ، އެކަން ނޭނގި، އޭނާ އެ ރިޕޯޓުގައި ސޮއިކޮށް އެ ރިޕޯޓު މައްސަލައިގައި ހިމެނޭ ފަރާތަކަށް ދޫކުރުމަކީ އޭނާގެ ފަރުވާކުޑަކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.