އެމްޓީސީސީން ބޭނުންކުރަމުން އައި "މައިކްރޮސޮފްޓް ސޮލޮމަން" އެންޓަޕްރައިސް ރިސޯސް ޕްލޭނިގް ސޮފްޓްވެއާ "މައިކްރޮސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް މިއަދު ލައިވްކޮށްފިއެވެ.

މިއަދު ހެނދުނު 08:30 ގައި ކުންފުނީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެ ސޮފްޓްވެއާ ބޭނުން ކުރަން ފެށުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އަލަށް އިފްތިތާހު ކުރި އެ އެންޓަޕްރައިސަސް ރިސޯސް ޕްލޭނިން ސިސްޓަމް (އީއާޕީ) ގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ ކޮންޓްރޯލްސްތައް އެފިޝަންޓްވެ މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގައި ގިނަ ފަސޭހަތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނީ މިއަދު އެ އިފްތިތާހު ކުރެވުނު އީއާރުޕީ ސިސްޓަމަކީ އެއްއަހަރު ދުވަހުގެ ޕްލޭނިންއާ އެކު ކުންފުނީގެ މުވައްޒަފުން އަދި އެ ޕްރޮޖެކްޓުގެ ބައިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މައިކްރޮސޮފްޓް ޑީ365" ސޮފްޓްވެއާއަކީ މައިކްރޮސޮފްޓް ކުންފުނިން ކުންފުނިތަކުގެ ރިސޯސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާއެކެވެ. އަދި އެސޮފްޓްވެއާއަކީ މައިކްރޮސޮފްޓް "އޮފީސް 365" އާ އިންޓަގްރޭޓް ވާގޮތަށް ފަރުމާކުރެވިފައި ވާ ސޮފްޓްވެއާއެއް ކަމުން މަސައްކަތުގައި ކުންފުންޏަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ އުއްމީދަކީ އަލަށް ލޯންޗު ކުރެވުނު ސޮފްޓްވެއާ ގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެން ދިއުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.