ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަހުޒީބު މަންޒިލްތަކުގެ ލިސްޓުން ޖާގަ ހޯދާ އޮސްޓްރޭލިއާގެ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކަރަންޓީނު ފެސިލިޓީތަކުގައި އަމަލު ކުރެވިފައި ވާ ގޮތުން، އެތައް ސަތޭކަ ބަޔަކަށް، އެޗްއައިވީއަށް ޓެސްޓު ކުރަން ޖެހިއްޖެއެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 200 އެއްހާ މީހުންގެ ހަށިގަނޑުގައި، ލޭގެ ޒަރިއްޔާއިން ފެތުރޭ ބަލީގެ އަސަރު ހުރިތޯ ބަލަން ޖެހިފައިވަނީ، މި ފެސިލިޓީތަކުގައި ތިބި މީހުންގެ ހަށިގަނޑުން ލޭގެ ސާމްޕަލް ނެގުމުގައި، އެކަކަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި އެއް ޑިވައިސްއެއް ބޭނުން ކޮށްފައި ވާނެ ކަމަށް، އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން އިއުތިރާފު ވުމާ ގުޅިގެންނެވެ.

ވަކިން ހާއްސަކޮށް، ވިކްޓޯރިއާ ސްޓޭޓްގެ ފެސިލިޓީތަކުގައި ތިބި މީހުން، ލޭގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކަށް ސްކްރީން ކުރަންޖެހޭ ކަމަށް ޚަބަރު ލިބެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ދޯދިޔާކޮށް މަސްރަހު އޮތް އެއް ސަރަހައްދަކީވެސް ވިކްޓޯރިއާ ސްޓޭޓްކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން، އެ ސްޓޭޓްގެ ކަރަންޓީނު ފެސިލިޓީތަކުގައި ގާއިމުކޮށްފައިވާ ފިޔަވަޅުތައް އެކަށީގެންވާ އުސޫލަކުން ތަންފީޒު ނުކުރެވުމުގެ ސަބަބުން، ބަލިމަޑުކަމުގެ ހުޅުގަނޑު ފަޅައިގެން ދިޔަ މަންޒަރުވެސް ވަނީ ފެނިފައެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ސިއްހަތާ ބެހޭ އިދާރާ، ސޭފާ ކެއާ ވިކްޓޯރިއާއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ،އޯގަސްޓް 20 ވަނަ ދުވަހުގެ ކުރިން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ބެލުމަށް ސާމްޕަލް ނެގި 243 މީހަކަށް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ، އެމީހުންނަކީ އެޗްއައިވީވެސް ހިމެނޭ ގޮތަށް، ލޭގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުން ކަމަށެވެ. މިފަދަ ބައްޔެއް ޖެހުމަށް އޮތީ ހަނި ފުރުސަތެއް ނަމަވެސް، މިއީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށާ، ކާކުކަން ސިއްރު ކުރެވޭ ގޮތަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާ ދެވޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިނގިލި ކުރިއަށް ކައްޓެއް ހަރައިގެން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ބެލުމަކީ އޮސްޓްރޭލިއާގެ ހުރިހާ ކަރަންޓީނު ފެސިލިޓީއެއްގައި ތަންފީޒު ކުރި ލާޒިމު އުސޫލެއް ނޫނެވެ. މިކަން ކޮށްފައިވަނީ ހަކުރު ބަލި ހުންނަ މީހުންނާއި، މާބަނޑު މީހުންނާއި، އަނބުރައިގަތުން ފަދަ ސިއްހީ މައްސަލަ ކުރިމަތިވި މީހުންނަށް އަމާޒުކޮށްގެންނެވެ. މި ގޮތަށް ސާމްޕަލް ނަގަން ފަރުމާ ކޮށްފައި ހުންނަ ޑިވައިސްތަކަކީ އެކެއްގެ ހަށިގަނޑުން އެކި ފަހަރު މަތިން ސާމްޕަލް ނެގުމުގައި މައްސަލައެއް ނެތް ޑިވައިސްތަކެއް ނަމަވެސް، އޮސްޓްރޭލިއާގެ ކަރަންޓީނު ފެސިލިޓީތަކުގައި މި ޑިވައިސްތައް ބޭނުންކޮށްފައިވަނީ އެކި މީހުންގެ ހަށިގަނޑުގައެވެ. ކަށި ބަދަލު ކުރި ނަމަވެސް، ޑިވައިސްގައި، ލޮލަށް ނުފެންނަ ވަރަށް ލޭގެ އަސަރު ހުރުމުގެ ފުރުސަތުވެސް އޮވެއެވެ.

މިފަދަ ޑިވައިސްއެއްގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ނެތް ނަމަވެސް، ހެޕަޓައިޓިސް ބީ އަދި ސީއާއި އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮންނަކަމަށް ސޭފާ ކެއާއިން ވަނީ އިއުތިރާފުވެފައެވެ.

އޮސްޓްރޭލިއާގެ މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑރ އުމަރު ޚޫރުޝީދު ވިދާޅުވީ، މިއީ ކަރަންޓީނު ހޮޓެލް ނިޒާމުގައި އޮސްޓްރޭލިއާއަށް އަނެއްކާވެސް އެޅުނު ޅައެއްޗެއް ކަމަށާ، ވިކްޓޯރިއާ ސްޓޭޓްގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭ ތަހުގީގުތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.