ވެންޓިލޭޓަރު މައްސަލާގައި ގެއްލުނު ފައިސާ ހޯދެން ދެން މަޖިލީހުން ފާރަވެރިވާން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމާ ގުޅޭ ގޮތުން އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓާ ޖެނެރަލަށް ހިލާފު އުފެދިފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ވިދާޅުވެފައި ވާކަމަށާއި، އެހެން ކަމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބަލައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދެން ދެން މަޖިލީހުން ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ވައްކަމާއި ހިޔާނާތުގެ ކަންކަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ހިނގާ ނުދިއުމަށް މެމްބަރުން ރައްޔިތުންގެ ގާތުގައި ވައުދުވެފައި ވާކަމަށެވެ. އަދި އެކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައި ވާ ނިންމުމުގައި މުރާޖައާ ކުރަމުން ގެންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.