ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ބުނެފިއެވެ.

ކޮވިޑް-19އާއި ގުޅިގެން ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަކާއި ހާވާލުކުރުމުގައި، މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި، ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ޕީޖީން ވަނީ އެމައްސަލާގައި ދައުވާ ނުކުރަން ނިންމާފައެވެ

އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީއަށް ވެންޓިލޭޓަރުތައް ހޯދަމުންދިޔަ ދުވަސްވަރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން ތަކެތި ގަތުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމު ނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ގަވާއިދުގެ މާއްދާ (ހ) ގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓަރު އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން ކޮވިޑާއި ގުޅިގެން ހޯދަންޖެހޭ ތަކެތީގެ އަގު 2.5 މިލިއަނަށްވުރެ ބޮޑުވާތީ، އެތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ފިނޭންސްގައި އެދުމުން ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި އަންގާ ހުއްދަ ދީފައިވާ ކަމަށާ އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން އެކަންވެސް ކޮށްދީފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބިޑު ކޮމިޓީން ނިންމީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަމަށެވެ.

އެ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމާ ގުޅޭ އެއްބަސްވުމުގެ ޑްރާފްޓް ހެލްތުން އެޓާނީ ޖެނެރަލް (އޭޖީ) އަށް ފޮނުވުމުން އެ ފޮނުވި ދުވަސް ކަމަށްވާ އޭޕްރިލް 20 ގައި ވަނީ އެ އޮފީހުން ލަފާ ދީފައެވެ. ނަމަވެސް ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީ ކުންފުންޏަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަން ޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާ ކަމަށް ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނީ، އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަް ސާބިތުވާތީ ކަމަށްވެސް ވަނީބުނެފައެވެ.. އަދި އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުމުގައި މުރާޖައާ ކުރަމުން ގެންދާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ..