ފުރިހަމަ ގޮތެއްގައި ތަފާސްހިސާބު ބެލެހެއްޓުމަކީ ގައުމެއްގެ އިގްތިސާދުގެ އުފެއްދުންތެރިކަން ދެނެގަތުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމާއި، އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތަފާސްހިސާބު ބަލަހައްޓައި، އެއްކުރާ މައުލޫމާތުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމުގައެވެ.

އޭގެ އިތުރުން މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް އެކަށައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި އެކުލެވިގެންވާ ދާއިރާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި ހިމެނޭ ކަންކަމަކީ ވެސް ތަފާސްހިސާބު ބޭނުންކޮށްގެން އެ ދާއިރާތަކުން ހާސިލުކުރެވޭ ކަންކަމާއި، ކުރިއެރުން ހޯދޭ މިންވަރު ދެނެގަނެވޭނެ ކަންކަން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ގޮތުން، މި ބަލިމަޑުކަމުން އަރައިގަތުމަށް ހަރަދުކުރުމާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމާއި، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ތަފާސްހިސާބުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގައުމީ ތަފާސްހިސާބުގެ ދުވަހެއް ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމުން، އެ ފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމެވި މަގްސަދު ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅައި، މި ދާއިރާއިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފައިކުރުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުންދަނީ "އިތުބާރުހުރި ތަފާސްހިސާބުން ދުނިޔެ ގުޅައިލުން،" މި ޝިޢާރުގެ ދަށުންނެވެ.