ކޮވިޑް-19 ބަލިމަޑިކަމުން އަރައިގަންނަމުން ދަނީ ތަފާސްހިސާބުގެ އެހީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ޕްލޭނިން މިނިސްޓްރީން ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް ބޭސްވެރިކަމުން ލިބޭނެ ފަރުވާއެއް ނެތް ކަމަށާއި މި ބަލިން ރައްކާތެރިވާން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ތަފާސްހިސާބުތަކަށް ބިނާކޮށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ބޭސްވެރިކަމުގެ ހަކީމީ ފަރުވާއެއްވެސް މިއަކަށް އޮތީއެއް ނޫން. މިކަމަށް އޮތީ ސްޓެޓިސްޓިކަލް ފަރުވާއެއް
ރައީސް މުހައްމަދު ނަޝީދު

އެބައްދަލުވުމުގައި ނަޝީދު ވަނީ ތަފާސްހިސާބުގެ ތާރީހާ، މި އިލްމު ރާއްޖޭގައި ބޭނުންކުރަމުން އައި ގޮތަށް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތަފާސްހިސާބާ ބެހޭ ބިލެއް މި ވަގުތު އެބަ އޮތް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލް ގާނޫނަކަށް ވެގެން އައުމުން ތަފާސްހިސާބާ ގުޅުން ހުރި މިނިވަން މުއައްސަސާއެއް އުފެދިގެން ދާނެ ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނަޝީދު ވަނީ ތަފާސްހިސާބުގެ ޕޮކެޓްފޮތް 2020، ދިވެހިރާއްޖޭގެ ތަފާސްހިސާބު އެޓްލަސް 2020 އަދި އެސްޑީޖީ ޑޭޓާ އަޕްޑޭޓް 2020 ނެރެދެއްވާފައެވެ.