ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށް ފަހު، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި، އިއްޔެ އެ މައްސަލަ ޑިކްލައިން ކޮށްފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން ބުނެފައި ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖަންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ މަސައްކަތް އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައި ވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާ ބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައި ވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 11 ފަރާތަކީ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެންބަރު ފާތުމަތު ލިމްޔާގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުގައްމަދާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާ، އަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދިމިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފެވެ.