2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން 172 ބިލިއަން ރުފިޔާގެ ދަރަނި ނުވަތަ ލޯނު ނަގާފައިވާކަން ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ ގިނަ ދަރަންޏަކީ ގާނޫނާ އެއްގޮތަށް އުފެދިފައިވާ ދަރަނި ކަމަށެވެ. ދަރަނީގެ ގޮތުގައި ހަތް ބާވަތެއް މަޖިލީހުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނު: 49 ލޯނަކުން ޖުމްލަ 13 ބިލިއަން ރުފިޔާ.
- ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ.
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ: 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ.
- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް: 5.4 ބިލިއަން ރުފިޔާ.
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓް: 78 މިލިއަން ރުފިޔާ.
- އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި ނަގާފައިވާ ބޮންޑާއި އަދި ޓްރެޒަރީ ބިލު: 7.4 ބިލިއަން ރުފިޔާ.
- ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑު: 91.9 ބިލިއަން ރުފިޔާ.
މި ދަރަނި ތަކުގެ ތެރެއިން ގާނޫނާ ހިލާފަށް އުފެދިފައިވަނީ ދެ ދަރަންޏެއް ފާހަގަ ކުރެވިފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއީ 2016 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު ހިންގާފައިވާ އަމަލަކާއި، 2017 ވަނަ އަހަރުގެ ޖުލައ ި16 ވަނަ ދުވަހު ހިންގާފައިވާ އަމަލެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހުސްވި 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހޭދަކޮށްފައިވާއިރު، މި ހިނގާ 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވެއެވެ.