ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ ގައިގެ 24 ތަނަކަށް ހަމަލާ ދީފައި ވާއިރު، އޭނާގެ ކަރަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމަށް އޭނަ ބެލި ޑޯކްޓަރު ވިދާޅުވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މުބީން މިހެން ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. ޑރ. މުބީން ވިދާޅުވީ، އަނަސް މަރުވެފައިވަނީ އޭނާއަށް ދީފައިވާ ހަމަލަތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި ހިތް ހުއްޓިގެން ކަމަށެވެ.
އެގޮތުން އޭނާގެ ހަށިގަނޑުގެ އެތައް މިތަނުން ޒަހަމްތައް ފެންނަން ހުރިއިރު އެނެމް ފުރާނައަށް ނުރައްކާވާ ގޮތަށް ހުރީ ކަރުގެ ކަނާއަތް ފަރާތަށް ދީފައި ހުރި ޒަހަމްތައް އަދި އޭގެ އިތުރަށް ފުއްޕާމޭގެ މޭމައްޗަށް ކުރިމައްޗަށާއި އަރިމައްޗަށް ދީފައި ހުރި ޒަހަމްތައް ކަމަށް ޑރ. މުބީން ވިދާޅުވިއެވެ. އަނަސްގެ ހަށިގަނޑަށް ދީފައިވާ އެންމެ ނުރައްކާތެރި ޒަހަމްތައް ފާހަގަ ކުރުމަށްފަހު ޑރ. ވިދާޅުވީ އޭގެ އިތުރުން ވެސް އަނަސްގެ ހަށިގަނޑިގައި 24 ވަރަކަށް ޒަހަމް ފެންނަން ހުރި ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަނަސް މަރުވެފައިވާއިރު، އެއްވެސް ވަރަކަށް ވިންދެއް، ޕްރެޝަރެއް، ނޭވާލުމެއް އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް ޑރ. މުބީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަނަސްއަށް ލިބިފައި ހުރި ޒަހަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަހަމްތަކެއް ކަމަށެވެ.
އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށްފަހު އެ މީހުން ފިލި ކަމަށް އޭރު ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާ ކޮޅެވެ
އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ 7 މީހެއްގެ މައްޗަށެވެ. އެއީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ގުލްފާމްގެ މުހައްމަދު ސާޒްއެވެ.
އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.