ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސްލު ކަމަށްވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އޭ2އޭ ސްޓްރެއިންއަށް، ޖޫން މަހުން ފެށިގެން މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާ، މި ބަލިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރަމުންދާ މަސައްކަތަށް ހިޔަނި އެޅިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިންޑިއާގެ ދިރާސާއެއް ބުނެފިއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ޑިޕާޓްމަންޓް އޮފް ބައޮޓެކްނޮލޮޖީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބައޮމެޑިކަލް ޖެނޯމިކްސްއިންނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބައޮމެޑިކަލް ޖެނޯމިކްސްގެ ޑައިރެކްޓާ، ސޯމިތުރާ ދާސް ވިދާލުވީ އޭޕްރިލް މަހުން ފެށިގެން އިންޑިއާގެ އެކި ކަންކޮޅުތަކުން ވައިރަހުގެ ޖީން ސީކުއަންސްތައް އެއްކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަށް ބަދަލު އައުމަކީ، ވެކްސިނެއް ތަރައްގީ ކުރަމުންދާ މަސައްކަތް ބޭކާރުވެދާނެ ކަމެއް ކަމަށްވެސް ހީވެފައި އޮތެވެ. ނަމަވެސް، ވެކްސިންގެ ސްޓްރެއިންއަށް ބަދަލު އައުމަކީ، ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅޭނެ ހުރަހެއް ނޫން ކަމަށް ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައްވެސް ބުނެއެވެ.

ޖޫން މަހުން ފެށިގެން މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އިންޑިއާއިން ބުނާ ސާސްކޮވް އޭ2އޭ ސްޓްރެއިންއަކީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ރޯގާގެ އެންމެ އާންމު ސްޓްރެއިންއެވެ. އިންޑިއާއަށް ބަލާއިރުވެސް، 80-90 ޕަސެންޓް ހިއްސާ ކުރަނީ މި ސްޓްރެއިންނެވެ.

ސާސްކޮވް-2 އިން ޖައްސާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށީ، 2019 ވަނަ އަހަރުގެ ފަހު ކޮޅު، ޗައިނާގެ ވޫހާން ސިޓީއިންނެވެ. ނަމަވެސް އެއީ ވައިރަހުގެ ހަގީގީ ފެށުން ކަމަށް ޗައިނާއިން ތަކުރާރު ކޮށް އިންކާރު ކުރެއެވެ. ވައިރަހުގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތްތަކެއް ފެށި ކަން ހާމަ ކުރި ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.