އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއާ ވެސްޓް ހޭމް ބައްދަލުކުރި ވާދަވެރި މެޗު 3-3 އަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ޓޮޓެންހަމްއިން ވަނީ 3-0 ގެ ބޮޑު ލީޑެއް ނަގާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 1 ވަނަ މިނެޓްގައި ޓޮޓެންހަމްއަށް ކުޅޭ ސައުތް ކޮރެއާގެ ކުޅުންތެރިޔާ ސޮންއެވެ. އެއަށް ފަހު އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ދެލަނޑު ޖަހާ ލީޑު 3-0 އަކަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފްގައި ވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ޓޮޓެންހޭމްއިންނެވެ. މި ގޮތުން ހެރީ ކޭންއަށް މެޗުގައި ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ޝޮޓު ނިކުތީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

މިމެޗުގައި ވެސްޓް ހޭމްއިން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ 80 ވަނަ މިނެޓަށް ފަހު އެވެ. މި ގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 82 ވަނަ މިނެޓްގައި ބޮލުން ޖަހާ ކާމިޔާބުކުރީ ފަބިއަން ބަލްބިއުނާއެވެ. އެއަށް ފަހު މެޗުގެ 85 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު ސަންޗޭޒްގެ އަތުން ބައިކޮޅަށް ގޯލެއް ވަތް އިރު ސްކޯ 3-3 އަކަށް ހެދީ ވެސްޓް ހޭމްގެ މެނުއަލް ލަންޒީނީއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ އެންމެ ފަހު މިނެޓްގައި ލަންޒީނީ ދުރުން ޖެހި މިލަނޑަކީ ހިތްގައިމު ލަނޑެކެވެ.

މިމެޗުން އެއްވަރުވުމާއެކު ޓޮޓެންހަމްއަށް ލިބުނު އެއް ޕޮއިންޓުން އެޓީމު އޮތީ ލީގު ތާވާލުގެ ހަ ވަނައިގައެވެ. މި މެޗުން ހޯދި ޕޮއިންޓާއެކު ވެސްޓް ހޭމް ވަނީ ތާވާލުގެ އަށް ވަނަ އަށް ޖެހިލާފައެވެ.