ރައީސް އަބްދުﷲ ޔާމީން އިސްކުރެއްވީ ފަރުދެއްގެ މަސްލަހަތައްވުރެ ދީނާއި ގައުމާއި މުޖްތަމައު ކަމަށް އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޒައިން ވިދާޅުވީ ރައީސް ޔާމިން އަކީ ވަރަށް ހިންގުންތެރި އަދި މަސައްކަތްތެރި ބޭފުޅެއް ކަމަށެވެ.
ޔާމީން މަސައްކަތްޕުޅުގައި އުޅުއްވާ އިރު އެއްވެސް ވަރަކަށް ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށާއި ވަރަށް ހިންގުންތެރިކަމާ އެކު މަސައްކަތް ކުރައްވާ ކަމަށް ވެސް ޒައިން ވަނީ ވިދާޅުވެފައެވެ.
ޒައިން ވިދާޅުވި ގޮތުގައި ރައީސް ޔާމިން އަކީ މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ލިބިވަޑައިގެންފައި ވާ ކުޅަދާނަ ލީޑަރެއް ކަމަށެވެ.
ޒައިން ވަނީ ބައްޕާފުޅަކީ އާއިލާއަށް ވަރަށް ލޯބި ދެއްވައިގެން އުޅުއްވި ބައްޕައެއްކަން ފާހަގަ ކުރައްވާފައެވެ.
ޒައިން ވަނީ ބައްޕަގެ ހާލު ކޮޅު ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން އަކީ ވަރަށް އަޒުމު ވަރުގަދަ ބޭފުޅެއް ކަމަށާއި ބައްޕާފުޅު އަބަދުވެސް ދެއްވާ ނަސޭހަތަކީ އިހުސާންތެރިވުމާއި އިހުލާސްތެރިވުން ކަމަށް ޒައިން ވަނީ ވިދާޅުވެފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.