ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު މެންދުރު ފަހު 3:50 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދި މިއީ މި ބަލީގައި މަރުވި 37 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ ކޮވިޑް-19 ގައި މިމަހު ރާއްޖެއިން މަރުވި ތިން ވަނަ މީހާއެވެ.

މިއަދު ކޮވިޑް ބަލީގައި މީހަކު މަރުވެފައިވާ އިރު އިއްޔެ ހެނދުނުވެސް ވަނީ މީހަކު ނިޔާވެފައެވެ. އެގޮތުން އިއްޔެ ނިޔާވެފައި ވަނީ، އުމުރުން 67 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެސް ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،178 އަށް އަރާފައެވެ. އޭގެ ތެރެއިން 102 މީހަކު އިއްޔެ ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،097 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 1138 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 43 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 369 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.