ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް) އަކީ، އިންސާނުންގެ ގައިގެ ހަމުގައި 9 ގަޑި އިރު ވަންދެން ދިރިހުރުމުގެ ބާރު ލިބިފައިވާ ވައިރަހެއް ކަމަށް ބުނާ ދިރާސާއެއް އާންމު ކޮށްފިއެވެ.

ޖަޕާނުގެ ކިޔޯޓޯ ޕްރެފެކްޗަރަލް ޔުނިވާސިޓީ އޮފް މެޑިސިންއިން ކުރިއަށް ގެންދިޔަ މި ދިރާސާ އާންމު ކޮށްފައި ވަނީ، ކްލިނިކަލް އިންފެކްޝަސް ޑިޒީޒަސް ޖާނަލްގައެވެ.

ސާސްކޮވް-2، އިންސާނުންގެ ގައިގެ ހަމުގައި 9 ގަޑިއިރު ވަންދެން ދިރިހުންނައިރު، އާންމު ކޮށް ފެތުރޫ ފްލޫ (އައިއޭވީ) ވައިރަސް ދިރިހުންނަނީ 1.8 ގަޑިއިރަށް ކަން ފާހަގަ ކުރަންޖެހެއެވެ. މިއާއެކު، ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އާންމު ސާފު ތާހިރުކަން އަބަދުމެ ދެމެހެއްޓުމާއި ގަވައިދުން އަތްދޮވުން ފަދަ އާދަތަކުގައި ހިފުން މި ވަނީ އިންތިހާއަށް މުހިންމުވެފައެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: މާރިއޯ ޓޭމާ

ދިރާސާ ޓީމުން ބުނީ، އައިއޭވީ އާ އަޅާ ބަލާއިރު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ސާސްކޮވް 2 ވާރުތަވުމުގެ ފުރުސަތު ބޮޑުވެ، ބަލިމަޑުކަމުގެ ދުވެލި ހަލުވި ވާ ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، މިއީ އިންތިހާއަށް ނުވަތަސްވެ ކަންބޮޑުވެގެން އުޅެން ޖެހޭ ވަރުގެ ހޯދުމެއް ނޫން ކަމަށާ، ގަވައިދުން ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކޮށް ހެދުމުން ވައިރަސް މަރާލެވިދާނެ ކަމަށެވެ.

ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގައިވެސް ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ފުރިހަމަ ކުރަންޖެހޭ އުސޫލުތަކެއް ވެއެވެ. މި ހުރިހާ ކަމަށް ސަމާލުވެގެން މެނުވީ އެކަށީގެންވާ ދިފާއެއް ހޯދޭކަށް ނެތެވެ. ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގެ އިތުރުން، ސައިބޯންޏާއި ފެން ބޭނުން ކޮށްގެން ގިނަގިނައިން އަތް ދޮވުމަކީވެސް ކޮވިޑް-19 ޖައްސާ ސާސްކޮވް 2 އިން ދުރުވުމަށް އެހީވެދޭނެ ކަމެކެވެ.

ރައްކާތެރި ގޮތުގައި މާސްކު ބޭނުން ކުރުމާއެކު ޖިސްމާނީ ގައިދުރުކުރަންވެސް ދަމަހައްޓަންޖެހެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އަދިވެސް ވަނީ ވެކްސިނެއް ކަށަވަރު ވާ ގޮތް ނުވެއެވެ.