"އިންޑިއާ އައުޓް" ކުރުމަށް ގޮވާލަނީ ކޮންމެވެސް ގޮތަކުން ސަރުކާރު ބަދަލުކޮށްލުމުން "ދައުވާ އައުޓް" ކުރުމަށް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އެމްޑީޕީން ނެރުނު ހަބަރު ސިޓީގައި ލިޔުއްވި ލިޔުމެއްގައެވެ. އާޒިމް ވިދާޅުވީ، އެކުވެރި އަވައްޓެރި ގައުމަކަށް އަމާޒުކޮށް އެއްވެސް އަސާސެއްނެތި އިދިކޮޅު ފަރާތްތަކުން މި ގޮވާ ގޮވެލިފަތި ގޮވަނީ ހުވަފެނީ އުއްމީދަކަށް ކަމަށެވެ. އަދި އެއީ ސަރުކަރު ބަދަލުކޮށް، ދައުވާ އައުޓް ކުރުމުގެ މަގްސަދުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އިދިކޮޅު އިސް ފަރާތްތައް ކަމުގައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ކުރީީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އަމިއްލަ ޕާޓީގެ މެންބަރުންވެސް ގުނބޯ ހެއްދުމަށް ފަހު "އިންޑިއާ އައުޓް" ގޮވަން ކުރީ ސަފުގައި އެތުރިފައި ތިބި މީހުންނަށް ވިސްނާ އިރު އޭގެ ތެރެއިން ގިނަ މީހުންގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް މިހާރު ބަލަނމުން ދާ ކަމަށެވެ. އެގޮތުން، އަދުރޭ، ސައީދު، ޣައްސާން، މުއްދު، ޝިޔާމް، ނިހާން، ރިޔާޒު ރަޝީދު އަދި އަލީ އާރިފް މެން ފަދަ މީހުންނާ ގުޅޭ ތަހުގީގެ މިހާރު ކަމާ ގުޅޭ އިދާރަތަކުން ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އަދި މިކަމުން ސަލާމަތްވާން ވެގެން ގައުމު ހަލަބޮލި ކޮށް، އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސާ، ވެރިކަމުގެ މިސްރާބު ބަދަލު ކޮށްލެވޭތޯ އިދިކޮޅު ފަރާތްތަކުން މަރުފަލި ޖަހަމުން ދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅޭނީ "އިންޑިއާ އައުޓް" ނުވެގެން ނޫން ކަމަށެވެ. އަދި ކުށް ސާބިތުވެ، ޖަލުގެ ތޭރި ތަކުގެ ތެރެއަށް "އިން" ވެދާނެތީ އެކަމާ ގަންނަ ބިރަކުން ކަމަށެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިނގާ ކެމްޕޭނަށް އާޒިމް ވަނީ ވަރަށް ބޮޮޑަށް ފާޑު ވިދާޅުވެފައެވެ. މި ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށް ބުނެއެވެ.