އީރާނާއެކު ހަތިޔާރު ގަނެވިއްކުން މަނާ ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އދއިން ތަންފީޒު ކުރަމުންދިޔަ އެއްބަސްވުމަށް އަމަލު ކުރުމުގެ މުހުލަތު ހަމަވެ، ހަތިޔާރުގެ މިނިވަން ވިޔަފާރިއަށް މަގު ތަނަވަސްވެފައި ވާ ކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނާއެކު ދިފާއީ ހަތިޔާރު ގަނެވިއްކުމުގެ ބައިނަލްއަގުވާމީ ވިޔަފާރި މަނާ ކުރާ މުއާހަދާގެ މުހުލަތު ހަމަވެފައިވަނީ، އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް، ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ދަށުން ކަމަށް އީރާނުގެ ހާރިޖިއްޔާއިން ބުނެއެވެ. އީރާނުގެ ހާރިޖިއްޔާއިން ބުނާ ގޮތުގައި، އެއްބަސްވުމުގެ މުހުލަތު ހަމަވުމުން، އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދިޔަ ދަތިކުރުމުގެ ފިޔަވަޅަށް "އޮޓަމެޓިކުން" ނިމުން އައީއެވެ.

އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު/ފޮޓޯ: އޭއެފްޕީ

އީރާނުގެ ހާރިޖީ ވުޒާރާއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހަތިޔާރު ގަނެވިއްކުމާއި، އެ ކަމާ ގުޅިފައިވާ މާލީ މުއާމަލާތްތައް ހިންގުމަށް އީރާނާ ދެކޮލަށް އދއިން ތަންފީޒު ކުރަމުންދިޔަ ދަތި ކުރުމުގެ ހުރިހާ ފިޔަވަޅަކަށް ނިމުން އައިސްފައި ވާ ކަމަށެވެ. މިއާއެކު، އީރާނުގެ ދިފާއީ ބޭނުމަށް ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި ފެށިގެންދާނެ ކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ އިޝާރާތް ކޮށްފައެވެ.

އީރާނުގެ ހާރިޖީ ވުޒާރާއިން ޓްވިޓާގައި އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، މިއަދަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ތާރީހީ ދުވަހެއް ކަމަށާ، އެމެރިކާގެ ފިއްތުންތަކާއެކުގައިވެސް ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާއެކު ދެމިއޮވެއްޖެކަމަށެވެ.

2015 ވަނަ އަހަރުގެ އެއްބަސްވުމުން ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު ވަކިވި ނަމަވެސް، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރާނެ ކަމުގެ އިންޒާރު، އެމެރިކާއިން ވަނީ ސިލްސިލާ ގޮތެއްގައި ދީފައެވެ. ނަމަވެސް އެމެރިކާގެ ދައުވާއަށް، އދގެ ސަލާމަތީ މަޖިލީހުން ވަނީ އިންކާރު ކޮށްފައެވެ.

އީރާނާއެކު އަސްކަރީ އަދި ދިފާއީ ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި ހިންގުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ރަޝިއާ ހިމެނެއެވެ.