އަވަށްޓެރި ސްރީލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފުރާ ހުރިހާ ފަސެންޖަރުންނަށްވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޕީސީއާރް ޓެސްޓު ހަދަން ލާޒިމު ކޮށްފިއެވެ.

ޕީސީއާރް ޓެސްޓު ހެދުން ލާޒިމުކޮށް ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ދީފައިވާ އިރުޝާދަށް ރިއާޔަތްކޮށް، ސްރީލަންކާގެ ގައުމީ އެއާލައިން (ސްރީލަންކަން) އިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައިވަނީ، ދަތުރު ކުރަން ކަނޑައަޅާފައިވާ ތާރީހުގެ ކުރިއަށް 72 ގަޑިއިރު ހަމަނުވާ، (ކޮވިޑް-19އަށް ނެގެޓިވް) ޕީސީއާރް ޓެސްޓެއް، ކޮންމެ ފަސެންޖަރެއްގެ އަތުގައިވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މިއަދު އިރުއޮއްސި (ލަންކާ ގަޑިން) 18:00 އިން ފެށިގެން މި އުސޫލު ތަންފީޒު ކުރާނެ ކަމަށްވެސް ސްރީލަންކަންއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19އަށް ސްކްރީން ކުރުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކޮށްފައި މިވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ކާމިޔާބު އެއް ގައުމުގެ ގޮތުގައި އޮތުމަށްފަހު، ސްރީލަންކާއިން ރެކޯޑް އަދަދަކަށް ކޭސްތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ލަންކާއިން ކޭސް ރެކޯޑް ކުރާ މިންވަރު، އޭގެ ކުރީ މަސްތަކާ އަޅާ ބަލާއިރު އިތުރުވެފައި ވާއިރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އެގައުމުގެ "ކަރަންޓީނު ގާނޫނަށް"ވެސް އިސްލާހީ، ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭ މީހުންނާއި، ޖިސްމާނީ ގައިދުރުކަމަށް އިހުތިރާމް ނުކުރާ މީހުން 6 މަހަށް ޖަލަށް ލުމަށް، ނުވަތަ 10000 ރުޕީޒްއިން ޖޫރި މަނާ ކުރުމަށް، ކަމާ ބެހޭ ފަރާތްތަކަށް ވަނީ ބާރު ދީފައެވެ.