އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ އާސަނަލް ވާދަކުރި މެޗު 1-0 އަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.
މި މެޗުގެ ހަމައެކަނި ލަނޑު ސިޓީއަށް ކާމިޔާބުކޮށް ދިނީ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގެވެ. ރޭގެ މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ސްޓާލިންގް މިލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓްގައެވެ.
މެޗުގެ ސްކޯ ހަމަހަމަކޮށް އިތުރު ލަނޑު ޖެހުމަށް އާސަނަލްއަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު ފުރަތަމަ ހާފްގައި ސިޓީގެ ކީޕަރު އެޑާސަން ވަނީ ހުށިޔާރު ތިން ސޭވެއް ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބުނު ނަމަވެސް މެޗު ނިމުނީ 1-0 އަކުން ސިޓީ މޮޅުވެގެންނެވެ.
މި މޮޅާއެކު ސިޓީ މިހާރު ވަނީ ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓް ހޯދައިގެން ތާވާލުގެ 10 ވަނައަށް ޖެހިލާފައެވެ. އާސަނަލް އޮތީ ފަސް މެޗު ކުޅެ ނުވަ ޕޮއިންޓް ހޯދައިގެން ތާވާލުގެ ފަސް ވަނައިގައެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ޗެލްސީއާ ސައުތްހެމްޓަން ބައްދަލުކުރި މެޗު ނިމުނީ 3-3 އަކުން އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ދެލަނޑު ޖަހާ 2-0 ގެ ލީޑެއް ނެގީ ޗެލްސީއިންނެވެ. މި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ މި ސީޒަންގައި ޗެލްސީއާ ގުޅުނު ޓީމޯ ވާނާއެވެ. ފުރަތަމަ ހާފްގައި ޖެހި މިދެލަނޑަށް ފަހު ހަމަ އެހާފްގައި ސައުތްހެމްޓަންއިން ވަނީ ލަނޑެއް ޖަހާ ސްކޯ 2-1 އަކަށް ހަދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑެނީ އިންގްސެވެ.
ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖެހީ ސައުތްހެމްޓަނުންނެވެ. މެޗުގެ 57 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޗެ އެޑަމްސެވެ. އެހެން ނަމަވެސް އޭނގެ ދެމިނެޓް ފަހުން ޗެލްސީގެ ކައި ހަވާޓެޒް ޖެހި ލަނޑާއެކު 3-2 އަކަށް ސްކޯ ބަދަލުވިއެވެ. އަދި މެޗު މި ސްކޯއާއެކު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމެންދަނިކޮށް ސައުތްހެމްޓަންއަށް ލިބުނު ހިލޭ ޖެހުމަށް ބޮލުން ޖަހާ ގޯލަށް ވައްދާލައިގެން ސްކޯ 3-3 އަކަށް ހަދާ ދިނީ ޔެނިކް ވެސްޓާގާޑެވެ.
މި މެޗު ލިބުނު ޕޮއިންޓާއެކު ޗެލްސީ އޮތީ ކުޅުނު ފަސް މެޗުން 8 ޕޮއިންޓާއެކު ތާވާލުގެ ހަވަނައިގައެވެ. ސައުތްހެމްޓަން އޮތީ 7 ޕޮއިންޓާއެކު 11 ވަނައިގައެވެ.