މިހާތަނާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 1.1 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، މި ދުނިޔެ ދޫކުރި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ، 1102926 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ، އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްވެސް ރެކޯޑް ކޮށްފައިވާ އެމެރިކާއިންނެވެ. މި ބަލީގައި އެމެރިކާއިން 222717 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 152513 ކޭހާއިއެކު ބްރެޒިލްއިންނެވެ.
2 ވަނައަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރަމުންދާ އިންޑިއާ އޮތީ، ކޮވިޑް-19ގައި މަރުވާ މީހުންގެ ލިސްޓަށް ބަލާއިރު 3 ވަނާގައެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާއިން 112146 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ރެކޯޑްތަކުން ދައްކާއިރު، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރު ވާނެ ކަމަށް ވަކާލާތު ކުރެވެއެވެ.
ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު ކޮވިޑް-19ގައި އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައިވަނީ އެމެރިކާ (874 ކޭސް)، އިންޑިއާ (835 ކޭސް)، ބްރެޒިލް (734 ކޭސް)، މެކްސިކޯ (478 ކޭސް) އަދި އާޖެންޓީނާ (421 ކޭސް) އިންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 39 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި 8.6 މިލިއަނަށްވުރެ ގިނަ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މީގެ ތެރެއިން 70898 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް، ތަފާސް ހިސާބުތަކުން ދައްކައެވެ.