ރާއްޖޭގައި ކޮވިޑް-19 ފެތުރުނު މިންވަރު ބެލުމަށް މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވާ ކަމަށާއި އެޓެސްޓް ހަދަން ފަށާފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވަނީ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓު ހެދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޓެސްޓު ހަދަން ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރު ފުރާތަކަށް ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް ވަނީ އެންޓިބޮޑީ ޓެސްޓުކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ބަލާފައެވެ. އެގޮތުން އޭރުގެ ނަތީޖާ ތަކުން ދައްކަނީ ޓެސްޓުކުރި މީހުންގެ 75 ޕަސަންޓް މީހުންނަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓް އަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.