ޔުނިސެފުން ރާއްޖޭގެ 22 ސްކޫލެއްގައި 44 ހޭންޑްވޮޝިންގް ސްޓޭޝަން ގާއިމުކޮށްދީފިއެވެ.
އެތަކެތި ހަވާލުކޮށްފައިވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހާ ގުޅުވައިގެން ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
އެ ހޭންޑްވޮޝިންގް ސްޓޭޝަންތައް ބޭނުންކުރުން ރަސްމީކޮށް ފަށްޓަވާ ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުހައްމަދު އަލްމުނީރެވެ.
އެ ރަސްމިއްޔާތުގައި ޔުނިސެފުން ވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކާ ސްކޫލްތަކަށް ބޭނުންވާ އިންފެކްޝަން ކޮންޓްރޯލް ސާމާނުތައް ވެސް ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި އަތްދޮވުމުގެ އާދަ އަށަގަންނުވާ، އެކަން ޕްރޮމޯޓް ކުރުމަށްޓަކާ ބޭނުންކުރާނެ ހާއްސަ ދެ ޕޯސްޓަރެއް ވަނީ ލޯންޗްކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށި ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ވަނީ އަނެއްކާވެސް ސްކޫލުތައް ހުލުވާލާ ކިޔަވއިދޭން ފަށާފައެވެ.