އޭޑީކޭ އިން ޕީސީއާރް ޓެސްޓު ހަދާދޭ އަގުހެޔޮ ކޮށްފިއެވެ.
އޭޑީކޭ އިން ބުނީ އެހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހަދަމުން ދިޔަ ލެބޯޓަރީގައި ގާއިމު ކުރެވިގެންދިޔަ ފުރިހަމަ އޮޓޯމޭޓެޑް ރޯޗް ލައިޓް ސައިކްލާ 480 ޕީސީއާރު ސިސްޓަމް އާއި އެކު ކޮވިޑް ޓެސްޓް ހެދުމުގެ ހަރަދު ކުޑަވެގެންގޮސްފައިވާ ކަމަށެވެ.
އެއަގު ދަށްވުމުގެ ފައިދާ އެ ހިދުމަތް ހޯދާ ފަރާތްތަކަށް ހިއްސާކުރަން ބޭނުންވާތީ މިއަދުން ފެށިގެން ޕީސީއާރު ޓެސްޓް ހަދާދެވޭނެ އަގުތައް ހެޔޮކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެގޮތުން މިހާރު ދިވެހިން އަދި ވޯކްޕާމިޓް ހޯލްޑަސް އަށް 1200 ރުފިޔާއިން ޓެސްޓު ހެދޭނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ. އަދި ޓޫރިސްޓުންނަށް 80 ޑޮލަރަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ވެސް އޭޑީކޭ އިން މައުލޫމާތު ދެއެވެ.
މީގެ ކުރިން އެހޮސްޕިޓަލުގައި ދިވެހިން އަދި ވޯކްޕާމިޓް ހޯލްޑަސް އަށް ޓެސްޓު ހަދައިދެނީ 1500 ރުފިޔާއަށެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓު ހަދައިދެނީ 110 ޑޮލަރަށެވެ.