ބ. ފެހެންދޫ ބަނދަރުގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މުޅި މަޝްރޫއުގެ 30 ޕަސަންޓު ނިމިފައި ވާއިރު އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުން 31 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުން ކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާ، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާ، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާ، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 49.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.