އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެެވެ.

އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑެކެވެ.

މިއަހަރު ދެވަނަ ކުއާޓާގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީވާނެ ޕްރޮޖެކްޓްތައް

  • ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން - ވާފިރު އަހުމަދު
  • ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން - ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރު.އޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން - ޝާމާ ތައްހާން
  • ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން – ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން - ފާތިމަތު ރަޝީދު
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓެއް / ފޮޓޯ: ބީއެމްއެލް
ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިީ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ. އަދި މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 30 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ. އޭނާ ވިދާޅުވީ، މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފައެވެ.