ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް 2 ވަނަ ފަހަރަށް އިންފެކްޓްވި، ނެދަލަންޑްސްގެ ދޮށީ އުމުރުގެ އަންހެނަކު މަރުވެއްޖެއެވެ.

މިއީ 2 ވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މަރުގެ ކޭހެއް ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ. މިއާއެކު، ކޮވިޑް-19 ޖެހިގެން ލިބޭ ދިފާއީ ބަރާއި މެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޚަބަރު ލިބޭ ގޮތުގައި އުމުރުން 89 އަހަރުގެ މި އަންހެން މީހާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބޯން މެރޯ ކެންސަރެއް ކަމަށްވާ ވޯލްޑެންސްޓްރޯމްސް މެކްރޯގްލޯބުލިނީމިއާ ޖެހިފައިވާ މީހެކެވެ. މި ބައްޔަށް އޭނާ ހޯދަމުންދިޔަ ފަރުވާގެ ސަބަބުން، ސެލްތައް މަރުވެ، ދިފާއީ ނިޒާމު ބަލިކަށި ކޮށްލާފައި ވާކަމަށް، ޖާނަލް ކްލިނިކަލް އިންފެކްޝަސް ޑިޒީޒަސްގައި ޝާއިއު ކުރުމަށް ބަލައިގެންފައިވާ ދިރާސާއެއްގައި، ނެދަލަންޑްސްގެ މާސްޓްރިޗް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ރިސާޗަރުން ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ކެންސަރު ބައްޔަށް އޭނާ ހޯދަމުންދިޔަ ފަރުވާއަކީ ފުރާނައަށް ނުރައްކާ ކުރަނިވި ބައްޔަކަށް މަގުފަހި ކުރާ ފަރުވާއެއް ނޫން ކަމަށް، އޭގެ ޒާތުގައި ދިފާއީ ނިޒާމުން ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން އޮތް ކަމަށްވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ގަދައަށް ކެއްސާ، ހުން އަންނާތީ މި އަންހެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިއަހަރުގެ ކުރީކޮޅުގައެވެ. 5 ދުވަސް ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލި ކަމަށާ، ނަމަވެސް އޭގެ ފަހުންވެސް އަދަޔާ ހިލާފު ވަރުބަލިކަމެއް އޭނާއަށް އިހުސާސް ކުރެވުނު ކަމަށާ، އެކަންވެސް ފަހުން މުޅިން ރަނގަޅުވި ކަމަށް ދިރާސާ ރިޕޯޓްގައި ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހުނުތާ 59 ދުވަސް ފަހުން، ކީމޯތެރަޕީ ފެށިތާ 2 ވަނައަށް ވީ ދުވަހު އަނެއްކާވެސް އޭނާ ހުން އައިސް، ކެއްސާ، ނޭވާލާން ދަތިވުމުގެ މައްސަލަ ކުރިމަތިވިއެވެ. ދެވަނަ ކޮވިޑް-19އަށް ޕޮޒިޓިވްވީ މިހާ ހިސާބުންނެވެ. ދެވަނަ ފަހަރަށް ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 4 ވަނަ ދުވަހާ 6 ވަނަ ދުވަހު ހެދި ޓެސްޓުތަކުން، އޭނާގެ ހަށިގަނޑުން އެއްވެސް ވަރަކަށް އެންޓިބޮޑީގެ އަސަރު ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. 8 ވަނަ އަށް ވީ ދުވަހު ހާލު ސީރިއަސްވިއެވެ. އެ އަންހެން މީހާ މި ދުނިޔެއާއި ވަކިވީ 2 ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮވިޑް-19އާ ބެހޭ މާ ބޮޑު މައުލޫމާތުތަކެއް އަދިވެސް ވަނީ ނުހޯދިއެވެ. މި ވައިރަހުގެ ހަގީގީ ފެށުމަކީވެސް ކޮބައިކަން އަދި ނޭނގެއެވެ. އަދި ވައިރަހުގެ އަސަރު ކުރުމަށްފަހު، އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުން ދިފާއު ހޯދާދެނީ ކިހާ މުއްދަތަކަށް ކަންވެސް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.