ނަފުރަތާއި ހަމަނުޖެހުން އުފައްދަނިވި ކޮންޓެންޓް އޮންއެއާ ކުރަމުންދާ "ނުރައްކާތެރި" ޗެނަލްތަކުގައި އެ ކުންފުނިން ދެން އިޝްތިހާރު ނުކުރާނެ ކަމަށް، މަޝްހުރު ޕާލޭ ޖީ ބިސްކޯދު އުފައްދާ ކުންފުނި، ޕާލޭ އިންޑިއާއިން ބުނެފިއެވެ.

ޓެލެވިޜަން ރޭޓިންގް ޕޮއިންޓް (ޓީއާރްޕީ) ނުވަތަ ޗެނަލް ބަލާ މީހުންގެ އަދަދު އިތުރު ކުރުމަށް އޮޅުވާލުންތައް އޮޅުވާލައިގެން ހިންގާ އިންޑިއާގެ "ނުރައްކާ" ޚަބަރު ޗެނަލްތަކުގައި އެ ކުންފުނިން ދެން އިޝްތިހާރު ނުކުރާނެ ކަމަށް ޕާލޭ ކުންފުނިން އިއުލާން ކުރުމާއެކު، ގިނަ ބަޔަކު ދަނީ އެ ކުންފުންޏަށް ތައުރީފު ކުރަމުންނެވެ.

ޕާލޭ އިންޑިއާއިން ބުނީ، އިތުރު ބްރޭންޑްތަކާއެކުވެސް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާ، މިމަޝްވަރާތަކަކީ އެ ކުންފުނިތަކުންވެސް މިފަދަ ނިންމުންތަކެއް ނިންމުމަށް ހިތްވަރުދީ އެންމެން އެކުގައި "ނުރައްކާ" ޗެނަލްތަކާ ދެކޮޅަށް ތެދުވުން ކަމަށެވެ.

ޕާލޭ އިންޑިއާއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ޓީއާރްޕީ މަތިކުރުމަށް ބައެއް ޗެނަލްތަކުން މަކަރާއި ހީލަތް ހަދަމުން އަންނަ ކަމުގެ މައްސަލައެއްވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މުޅި ދުވަހު އެއް ޗެނަލެއް އެޅުވުމަށް ޗެނަލަކުން ހިތްވަރު ދީގެން އެކަން ކުރުވި ކަމުގެ ވާހަކަތަކެއް އިންޑިއާ ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.

މިއީ އިންޑިއާގެ ކުންފުންޏަކުން އިޝްތިހާރު ހިފަހައްޓައިގެން ޗެނަލްތަކާ ދެކޮޅަށް ތެދުވި ފުރަތަމަ ފަހަރެއް ނޫނެވެވެ. ދާދި ފަހުން، ބަޖާޖް އޮޓޯއިންވެސް ވަނީ 3 ޗެނަލެއް ބްލެކްލިސްޓްކޮށް، އެ ޗެނަލްތަކުގައި އިޝްތިހާރު ނުކުރާނެ ކަން ހާމަކޮށްފައެވެ.

އިންޑިއާގެ ވަރުގަދަ ކުންފުނިތަކަކުން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، ބޮލީވުޑްގެ ޕްރޮޑިއުސަރުންވެސް ވަނީ އިންޑިއާގެ މީޑިއާއާއި ދެކޮޅަށް ޝަރިއަތަށް ގޮސްފައެވެ.