ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި 1389 ސާމްޕަލްގެ ތެރެއިން 50 ސާމްޕަލް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނާއި 48 ބިދޭސީންނެވެ. އޭގެ ތެރެއިން 46 ކޭސް މާލެ ސަރަހައްދުން ފެނިފައިވާއިރު، 4 ކޭސް ފެނިފައި ވަނީ އަތޮޅު ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10993 އަށް އަރާފައެވެ.

އޭގެ ތެރެއިން 9833 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައިވާއިރު، އެ މީހުން ނިޔާވެފައި ވަނީ ކޮވިޑް ޖެހިގެން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިހާރު މިބައްޔަށް ޕޮޒިޓިވް 1118 މީހަކު އުޅޭއިރު، އޭގެ ތެރެއިން 384 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 67 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާއިރު، ދެން ތިބި މީހުން ތިބީ ގޭގައި އައިސޮލޭޓް ވެގެންނެވެ.

މާލެ ސަރަހައްދުގެ އިތުރުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ތިބީ އަތޮޅުތެރޭގެ 20 ރަށެއްގައާއި، 18 ރިސޯޓެއްގައެވެ. އެގޮތުން ރިސޯޯޓުތަކުން 18 ފަތުރުވެރިންނާއި 19 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު އެއްވެސް ރަށެއް މޮނިޓަރިންގެ ހާލަތުގައެއް ނެތެވެ.